މައިކްރޯސޮފްޓުން އެ ކުންފުނީގެ ޑޭޓާ ސެންޓަރުތަކަށް ޚާއްޞަކޮށް ދެ އިތުރު އިންފްރާސްޓްރަކްޗަރ ޗިޕެއް ފަރުމާކޮށްފިއެވެ. މި ޗިޕްތަކުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޮޕަރޭޝަންތައް އަވަސްވެ، ޑޭޓާ ސެކިއުރިޓީ އިތުރުވާނެ ކަމަށް މައިކްރޯސޮފްޓުން ބުދަ ދުވަހު ބޭއްވި އިގްނައިޓް ކޮންފަރެންސްގައި ވަނީ ބުނެފައެވެ.

މައިކްރޯސޮފްޓުން ވަނީ އާންމު ބޭނުންތަކަށާއި އާޓިފިޝަލް އިންޓެލިޖެންސްއަށް ޚާއްޞަކޮށް އަމިއްލަ ސިލިކޮން ތައްޔާރުކުރުމަށް ގިނަ ވަސީލަތްތަކެއް ހޭދަކޮށްފައެވެ. އެމެޒޯން އަދި ގޫގުލް ފަދަ ވާދަވެރި ކުންފުނިތަކެކޭ އެއްފަދައިން، މައިކްރޯސޮފްޓްގެ އިންޖިނިއަރުން ބުނާ ގޮތުގައި އެ ކުންފުނީގެ ބޭނުންތަކަށް ޚާއްޞަކޮށް ފަރުމާކުރެވޭ ޗިޕްތަކުން ޕަރފޯމަންސް އަދި އަގުގެ ގޮތުން ފައިދާތަކެއް ލިބެއެވެ.

Ad
rt

އަމިއްލަ ޗިޕްތައް ފަރުމާކުރުމުގެ ސަބަބުން އިންޓެލް އަދި އެންވީޑިއާ ފަދަ ކުންފުނިތަކުން އުފައްދާ ޕްރޮސެސަރތަކަށް މައިކްރޯސޮފްޓް ބަރޯސާވާ މިންވަރު މަދުކުރެވޭނެއެވެ.

މައިކްރޯސޮފްޓުން އަލަށް ފަރުމާކުރި ދެ ޗިޕަކީ ކުންފުނީގެ ޑޭޓާ ސެންޓަރ އިންފްރާސްޓްރަކްޗަރގެ އެންމެ އަޑީގައި ހަރުކުރުމަށް ފަރުމާކުރެވިފައިވާ ޗިޕްތަކެކެވެ. އޭގެ ތެރެއިން އެއް ޗިޕަކީ ސެކިއުރިޓީ އިތުރުކުރުމަށް ފަރުމާކުރެވިފައިވާ ޗިޕެއް ކަމަށާއި އަނެއް ޗިޕަކީ ޑޭޓާ ޕްރޮސެސްކުރުމަށް ފަރުމާކުރެވިފައިވާ ޗިޕެއް ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.

މައިކްރޯސޮފްޓްގެ އަޒުރެ ހާޑްވެއަރ ސިސްޓަމްސް އެންޑް އިންފްރާސްޓްރަކްޗަރގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް ރާނީ ބޯކަރ ވިދާޅުވި ގޮތުގައި ކުންފުނިން މިފަދަ އެކި ބާވަތުގެ ޑޭޓާ ސެންޓަރ ޕްރޮސެސަރތައް ފަރުމާކުރުމަށް މަސައްކަތްކުރަނީ "އިންފްރާސްޓްރަކްޗަރގެ ކޮންމެ ފަށަލައެއް އޮޕްޓިމައިޒްކުރުމަށް" އަދި މައިކްރޯސޮފްޓްގެ ޑޭޓާ ސެންޓަރތަކުން އާޓިފިޝަލް އިންޓެލިޖެންސްއަށް ބޭނުންވާ ސްޕީޑުގައި މަޢުލޫމާތު ޕްރޮސެސްކުރެވޭކަން ޔަގީންކުރުމަށެވެ.

އަންނަ އަހަރުން ފެށިގެން ޑޭޓާ ސެންޓަރުތަކަށް ފޮނުވޭ ކޮންމެ އައު ސަރވަރެއްގައި އަޒުރެ އިންޓެގްރޭޓެޑް އެޗްއެސްއެމް ކިޔާ އައު ސެކިއުރިޓީ ޗިޕް ހަރުކުރެވޭނެ ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.