ނިއުކްލިއަރ ސަޕޯޓާއެކު ރަޝިއާއަށް ހަމަލާދިނުމުން ދިފާޢުގައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ރަޝިޔާގެ ވެރިކަން ހިންގާ ކްރެމްލިންގެ ޑިޕްލޮމެޓިކް ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންއިން ހަނގުރާމައިގައި ހަތިޔާރު ބޭނުންކުރުމަކީ ނިއުކްލިއަރ ބާރުތަކުގެ އެހީތެރިކަމާއެކު ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވިދާނެ ކަމަށާއި، އެފަދަ ހާލަތެއްގައި ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް މަގުފަހިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕެސްކޮވް ވިދާޅުވީ، ރަޝިއާގެ ޑޮކްޓްރިންގައި އެކަމަށް ހުއްދަ ދޭ ކަމަށެވެ. މިއީ ރަޝިޔާގެ ރައީސް ވްލަޑިމީރ ޕުޓިން އެދުވަހު ސޮއިކުރެއްވި އައު ނިއުކްލިއަރ ޑޮކްޓްރިންއާ ގުޅޭގޮތުން އޭނާ ދެއްވި ޖަވާބެކެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޕެސްކޮވް ވިދާޅުވީ ޑޮކްޓްރިންގެ ވަކި ބައެއްގައި ބަޔާންކޮށްފައިވާ ގޮތުން، ނިއުކްލިއަރ ބާރަކުން އެހީތެރިކަން ދޭ ޤައުމަކުން ރަޝިޔާއަށް ދޭ ހަމަލާއެއް ބެލެވޭނީ އެއީ އެކުގައި ދޭ ހަމަލާއެއްގެ ގޮތުގައި ކަމަށެވެ.

މި އައު ޑޮކްޓްރިން ނެރުނު ވަގުތާ ގުޅޭގޮތުން ޕެސްކޮވް ވިދާޅުވީ މިއީ ކުރިން ނިންމާފައިވާ ކަމެއް ކަމަށާއި، "ރައީސް ކުރިން ވެސް ވިދާޅުވެފައިވާނެ މި ބަދަލުތައް ގެނައުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އަންނަމުންދާ ކަމަށެވެ.

މި އައު ޑޮކްޓްރިންއަކީ "ވަރަށް މުހިންމު" އެއްޗެއް ކަމަށް ވިދާޅުވަމުން ޕެސްކޮވް އިތުރަށް ވިދާޅުވީ މީގެ މަޤްޞަދަކީ ނިއުކްލިއަރ ހަތިޔާރުގެ ބިރުވެރިކަން އިތުރުކުރުން ކަމަށެވެ.

"މީގެ މަޤްޞަދަކީ ރަޝިޔާއަށް ނުވަތަ އޭގެ އެލައިންސްތަކަށް ހަމަލާދޭން އުޅޭ ފަރާތްތަކަށް ހަމަލާއަށް ޖަވާބުދިނުމުގެ ނުރައްކާތެރިކަން އޮޅުންފިލުވައިދިނުން" ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ރަޝިޔާއިން އަބަދުވެސް ނިއުކްލިއަރ ހަތިޔާރު ދެކެނީ ހަމައެކަނި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ޕެސްކޮވް ތަކުރާރުކޮށް ވިދާޅުވިއެވެ.