އެމެރިކާގެ ރިޔާސީ އިންތިޚާބު ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރުމާއެކު، ޗިޕް އުފައްދާ ކުންފުނި އެންވީޑިއާގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް އުފުލި، ކުންފުނީގެ މާކެޓް ވެލިއު 3.6 ޓްރިލިއަން ޑޮލަރު ފަހަނައަޅާ ހިނގައްޖެއެވެ. މިއީ މިހާތަނަށް އެއްވެސް ކުންފުންޏެއްގެ މާކެޓް ވެލިއު މިވަރަށް އުފުލިފައިވާ ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހު އެންވީޑިއާގެ ހިއްސާގެ އަގު 2.2 އިންސައްތަ އިތުރުވިއެވެ. މިގޮތަށް ހިއްސާގެ އަގު އުފުލުނީ ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް އަލުން ވައިޓް ހައުސްއަށް އައުމާއެކު، ޓެކްސް ކުޑަވެ ވިޔަފާރިތަކަށް ކުރާ ރެގިއުލޭޝަންތައް މަދުވާނެކަމުގެ އުއްމީދުގައި އިންވެސްޓަރުން ހިއްސާ ގަތުމަށް އިސްނެގުމުންނެވެ.

Ad
rt

އިއްޔެގެ ނިޔަލަށް އެންވީޑިއާގެ މާކެޓް ވެލިއު 3.65 ޓްރިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ އެޕަލްގެ މާކެޓް ވެލިއު އޮކްޓޯބަރު 21 ގައި ހެދި 3.57 ޓްރިލިއަން ޑޮލަރުގެ ރެކޯޑަށްވުރެ މަތީ އަދަދެކެވެ. އަދި އާދީއްތަ ދުވަހު އެންވީޑިއާ ވަނީ އެޕަލް ފަހަނައަޅާ، ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަށްވެފައެވެ.

ޓްރަމްޕް ކާމިޔާބު ކުރި ފަހުން ދެ ދުވަހުގެ ތެރޭގައި އެސް އެންޑް ޕީ 500 ޓެކްނޮލޮޖީ އިންޑެކްސް ވަނީ 4 އިންސައްތައަށްވުރެ އިތުރަށް މައްޗަށް ގޮސްފައެވެ. އަދި އެންވީޑިއާގެ ހިއްސާގެ އަގު ނޮވެމްބަރު މަހު 12 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރު ފެށުނީއްސުރެ ތިން ގުނައަށް އިތުރުވެފައިވެއެވެ.

އެންވީޑިއާއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގައި ބޭނުންކުރާ ޗިޕްތައް އުފެއްދުމުގައި ކުރިއަރާފައިވާ ކުންފުންޏެކެވެ. މައިކްރޯސޮފްޓް، ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން އޭއައި ޓެކްނޮލޮޖީ ތަރައްޤީކުރުމަށް ވާދަކުރަމުންދާއިރު، އެންވީޑިއާގެ ޗިޕްތަކަށް އޮތް ޑިމާންޑު އިތުރުވެ، ކުންފުނީގެ ހިއްސާގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ.