الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޚުލާޞާ ޖަވާބު: ދަރިން ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ކައިވެނީގެ މަޤުސަދަކަށް ވެފައި، އާންމު ޙާލަތުން ދެމަފިރިން ކުރާކަމެއް ކަމުގައި ވާތީ، އެކަމަށްޓަކައި ކޮންމެހެން އިސްތިޚާރާ ނަމާދުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ވަކި ޚާއްސަ ޙާލަތެއްގެ ސަބަބުން ދަރިއެއް ހޯދުމަށް މަސައްކަތް ކުރަންވީތޯ ނުވަތަ ނޫންތޯ ހިތައް އަރައި ގޮތް ނިންމަން އުނގަދޫވާނަމަ، އިސްތިޚާރާ ނަމާދު ކުރުން ރަނގަޅެވެ. والله أعلم.

Ad
rt

ތަފްޞީލީ ޖަވާބު: އިސްތިޚާރާ ނަމާދަކީ ކަމެއްގައި ކުރިއަށް ދާންވީ ވަކި ގޮތެއް ކަނޑައަޅަން ނޭނގޭ ޙާލަތުގައި ކުރަން ޝަރުޢުވެފައިވާ ނަމާދެކެވެ. މި ނަމާދަކީ ފަރުޟު ނަމާދު ނޫން ވަގުތެއްގައި ކުރާ ދެރަކުޢަރް ނަމާދެކެވެ. އަދި އިސްތިޚާރާ ނަމާދުކޮށް ނިމުމުން އިސްތިޚާރާ ނަމާދުގެ ދުޢާކުރާނީއެވެ. މިކަމަކީ ޞަޙާބީންނާއި އުއްމަތުގެ ހެޔޮލަފާ ސަލަފުން ވަރަށް އިސްކަމެއް ދެއްވި ކަމެކެވެ. އެހެންކަމުން އެއްވެސް ކަމެއްގައި ކުރިއަށް ދާން މަގުތަކެއް އޮވެފައި އިޚްތިޔާރުކުރާންވީ މަގު ކަނޑައަޅަށް އުނދަގޫވާ ޙާލަތުގައި އިސްތިޚާރާ ނަމާދު ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެން ވާ ކަމެކެވެ.

އާންމު ޙާލަތުގައި ދަރިން ހޯދުމަކީ އުނދަގޫ ނިންމުމެއް ނޫނެވެ. އެއީ ކައިވެނީގެ މަގުސަދުތަކުގެ ތެރެއިން މަގުސަދެކެވެ. އަދި ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށްޓަކައި ދެމަފިރިން ދަރިން ހޯދަން މަސައްކަތް ވެސް ކުރާން ވާނެއެވެ. އެހެންކަމުން އާންމު ޙާލަތުގައި ދަރިއެއް ހޯދުމަށް ދެމަފިރިން މަސައްކަތް ކުރުމަށްޓަކައި އިސްތިޚާރާ ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ތިމާގެ ސިއްޙީ ވަކި ޙާލަތެއްގެ ސަބަބުން ނުވަތަ މިނޫންވެސް އެފަދަ ސަބަބަކާހުރެ ދަރިއެއް ހޯދުމަށް މަސައްކަތް ކުރަންވީތޯ ނުވަތަ ނޫންތޯ ހިތައް އަރައި ގޮތް ނިންމަން އުނގަދޫވާނަމަ، އިސްތިޚާރާ ނަމާދު ކުރުން ރަނގަޅެވެ.

ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އިސްތިޚާރާ ނަމާދު ކުރީމާ އެކަމެއްގައި އިޚްތިޔާރުކުރަންވީ ރަނގަޅު ގޮތް ﷲ ތަޢާލާ އިސްތިޚާރާ ނަމާދުކުރި މީހާގެ ހިތަށް ވައްދަވައި އެގޮތައް އޭނާއަށް ޢަމަލު ކުރެވެނީކަމަށެވެ. އެހެންކަމުން އެގޮތެއް ހިތައް ވަންނަންދެއް އެއްވެސް ކަމެއް ނުކޮށް ތިބެވެއެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. އިސްތިޚާރާ ނަމާދުކުރުމަށްފަހު ﷲ އަށް ވަކީލުކޮށްފައި އަދި އިންސާނުންގެ ތެރެއިން މަޝްވަރާ ދެވޭ ތަޖުރިބާ ހުރި ފަރާތްތަކާ މަޝްވަރާ ކޮށް އަދި ދިރާސާ ވެސް ކުރުމަށްފަހު ކުރިއަށް ދާނޭ މަގު އިޚްތިޔާރުކުރާނީ އެމީހެކެވެ. އެހިނދުން އޭނާ އެވަނީ އޭނާގެ ވާޖިބު އަދާކޮށްފައެވެ. ދެން ބާކީބައި ﷲ އަށް ދޫކޮށްލާނީއެވެ. އިސްތިޚާރާ ނަމާދުގެ ދުޢާގައި އަންނަނިވި ބައި އޮވެއެވެ. (މާނަ:) "އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި މިކަމުގެ އާޚިރު ނަތީޖާއާމެދު ހެޔޮ ކަމުގައްޔާއި ރަނގަޅުކަމުގައި އިބަރަސްކަލާނގެއަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ". އަދި ދެން އޮތް ބައިގައި ވަނީ އެގޮތްގޮތުން އެކަަމަކީ ރަނގަޅު ނޫން ކަމެއް ކަމުގައި ވާނަމަ، (އިސްތިޚާރާ އެކުރާކަމަކަށް) މަގުފަހި ނުކޮށްދެއްވައި އެކަމުން ދުރުކުރެއްވުމަށެވެ. އެހެންކަމުން އިސްތިޚާރާ ނަމާދަށްފަހު، އެކަމަކީ އިސްތިޚާރާ ނަމާދު ކުޅަ މީހާ އަށް ރަނގަޅު ކަމެއް ކަމުގައި ވާނަމަ ﷲ އެކަމަށް އެމީހަކަށް މަގު ފަހި ކޮށްދެއްވާނެއެވެ. އަދި އެކަމަކީ އެމީހަކަށް ގެއްލުން ހުރި ރަނގަޅު ނޫން ކަމެއް ކަމުގައި ވާނަމަ ﷲ އެކަމުން އެމީހަކު ދުރުކުރުވައި ސަލާމަތްކުރައްވާނެއެވެ.

ޖަވާބުން ފައިދާ ކުރިކަމަށް އުންމީދުކުރަމެވެ. މި ޖަވާބުގެ ތިރީގައި އިސްތިޚާރާ ނަމާދުގެ ފަހުން ކުރާ ދުޢާ އަދި އޭގެ މާނަ ހިމަނާލާނަމެވެ. މި ދުޢާގެ މާނައާ މެދު ވިސްނާލުމުންވެސް އިސްތިޚާރާ ނަމާދާއި ދުޢާގެ މަޤުސަދު އަދި ބޭނުން ހާމަވާނެއެވެ.

اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَتَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ اَللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا اْلأَمْرَ(އެކަމެއް ހިތަށް އަރުވާފައި) خَيْرٌ لِي فِي دِينِي وَمَعَاشِي وَمَعَادِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّبَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا اْلأَمْرَ (އެކަމެއް ހިތަށް އަރުވާފައި) شَرٌّ لِي فِي دِينِي وَمَعَاشِيوَمَعَادِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ رَضِّنِي بِهِ وَلاَحَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ.

މާނައީ: "އޭﷲ! އަޅު އިބަރަސްކަލާނގެ ޙަޟުރަތުން މަޝްވަރާއަކަށް އެދެމެވެ. އަދި އިބަރަސްކަލާނގެ ޙަޟުރަތުން އަޅުވާގިވެރިކަމަށް އެދިދަންނަވަމެވެ. އަދި އިބަރަސްކަލާނގެ މަތިވެރި ފަޟުލުވަންތަ ވެރިކަމަށް އެދި ދަންނަވަމެވެ. އިބަރަސްކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންތަ ރަސްކަލާނގެއެވެ. ފަހެ ކުޅަދުންވަންތަވެރި ފަރާތަކީ އިބަރަސްކަލާނގެއެވެ. އަދި ރަނގަޅަށް ދެނެވޮޑިގަންނަވަނީ ވެސް ހަމަ އިބަރަސްކަލާނގެއެވެ. ތިޔައީ ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަޅަކީ އެއްވެސް ކަމެއްގެ ކުޅަދާނަކަން ލިބިގެންވާ މީހަކީމެއް ނޫނީމެވެ. އަދި ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭ މީހެއްވެސް ނޫނީމެވެ. އޭﷲ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާމެދު ހެއުކަމުގައްޔާއި ރަނގަޅުކަމުގައި އިބަރަސްކަލާނގެ ދެނެވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ. އަދި އޭގައި ބަރަކާތް ލައްވާނދޭވެ. އޭﷲ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާ މެދު، ނުބައި ކަމުގައްޔާއި ރަނގަޅުނޫން ކަމުގައި އިބަރަސްކަލާނގެ ދެނެވޮޑިގަންނަވާނަމަ އަޅަށް މިކަމުގެ މަގުފަހިކޮށްނުދެއްވައި މިކަމާ އަޅާ ދުރުކުރައްވާނދޭވެ. އަދި އެކަމުގައި ބަރަކާތް ލައްވާނދޭވެ. އަދި ކޮންމެ ތާނކުގައި ވީނަމަވެސް އަޅަށް ހެއުގޮތް ލައްވާނދޭވެ. އަދި އެކަމަކަށް އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާނދޭވެ. ﷲގެ ޙަޟުރަތުން މެނުވީ އެއްވެސް އާރަކާއި ބާރެއް ލިބުމެއް ނުވެއެވެ."

ޖަވާބުދެއްވީ: އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު