ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީބީސީ) އިން ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި އިޒްރޭލަށް ބުރަވާކަމަށް ބުނެ، އެ މުއައްސަސާގެ 100 އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ސިޓީއެއް ބީބީސީގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީއަށް ފޮނުވާފައިވާ ކަމަށް އިނގިރޭސި ނޫސް "ދި އިންޑިޕެންޑެންޓް" އިން ހާމަކޮށްފިއެވެ.
ބީބީސީގެ މުވައްޒަފުންގެ އިތުރުން އެހެނިހެން މީޑިއާ ދާއިރާގެ ފަރާތްތަކުންވެސް މި ސިޓީގައި ސޮއިކޮށްފައިވާ ކަމަށް އިންޑިޕެންޑެންޓުން ބުނެއެވެ. މީގެ ތެރޭގައި ކުރީގެ ސީނިއަރ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތް އެފެއާޒް، ބެރަނެސް ސައީދާ ވާރުސީ ހިމެނެއެވެ.
ސިޓީގައި ބީބީސީގެ މުވައްޒަފުން ފާހަގަކޮށްފައިވަނީ ޣައްޒާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމުގައި "އިންސާފުވެރި އަދި ސައްހަ ހެކިތަކަށް ބިނާކޮށް" މަސައްކަތްކުރަމުން ނުދާކަމަށެވެ. އަދި "ބިރުވެރިކަމެއް ނެތި އަދި ވަކި ފަރާތަކަށް ނުޖެހި" ޚަބަރު ގެނެސްދިނުމަށާއި، އިންސާފުވެރިކަމާއި ސައްހަކަމާއި ހަމަހަމަކަމަށް އިސްކަންދޭ އެންމެ މަތީ ފެންވަރުގެ އެޑިޓޯރިއަލް މިންގަނޑުތަކަށް އަލުން ރުޖޫޢަ ވުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، އިޒްރޭލުން ބޭރުގެ ނޫސްވެރިން ޣައްޒާއަށް ވަނުން މަނާކޮށްފައިވާކަން ބީބީސީގެ ރިޕޯޓުތަކުގައި އިތުރަށް ސާފުކޮށްދިނުމަށާއި، އިޒްރޭލް-ފަލަސްތީނު ހަނގުރާމައިގެ ތާރީޚީ ފަސްމަންޒަރު އިތުރަށް ހިމެނުމަށްވެސް ސިޓީގައި އެދިފައިވެއެވެ.
ނަމަވެސް، މި ސިޓީގައި ސޮއިކޮށްފައިވާ ބީބީސީގެ މުވައްޒަފުންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!