ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފްވާނަމަ ޖޫރިމަނާ ކުރަން ރައްޔިތުންގެ މަޖިލީހެއް އިސްލާޙްގެ ބިލެއް ހުށަހަޅައިފިއެވެ.

މި އިސްލާޙް ހިމަނައި ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) އެވެ.

Ad
rt

މި ބިލުގައި ބުނެފައިވާ ގޮތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ އުސޫލު އިސްލާޙްކޮށް، ޤާނޫނާއި ޚިލާފްވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުގެ ޒިންމާ އިތުރުކުރުމަށް ޤާނޫނާއި ޚިލާފްވާނަމަ ވަކިވަކި ފަރުދުންނާއި ޕާޓީ ވެސް ޖޫރިމަނާ ކުރެވޭ ގޮތް ހެދުމެވެ.

މިހާރު ސިޔާސީ ޕާޓީތަކުގެ ޤާނޫނު އޮންނަގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ނަމަވެސް، މި އިސްލާޙްގައި ހުށަހަޅާފައި ވަނީ ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ދިނުމަށެވެ.

މީގެ އިތުރުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ޤާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް އިސްލާހް ހުށަހަޅާފައިވާއިރު، އަދި އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭގޮތަށް އިސްލާޙް ހުށަހަޅާފަވެއެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ޖޫރިމަނާ ކުރަނީ ޤާނޫނާ ޚިލާފުވާ މީހާ އެކަންޏެވެ.

މި ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީ އެބައޮތެވެ.