އިންޑިއާގެ ޖާސޫސީ ޙަރަކާތްތައް އެމެރިކާ އަދި ކެނެޑާގައި ފުޅާދާއިރާއެއްގައި ކުރިއަށްދާކަމަށް އިންޑިއާއިން ވަކިވެގަންނަން އެދޭ ސިކުން ތުހުމަތު ކޮށްފިއެވެ.
ރޮއިޓަރސްއަށް ދިން އިންޓަވިއުއެއްގައި، ސިކުންގެ އެކްޓިވިސްޓެއް ކަމަށްވާ ގުރްޕަޓްވަންޓް ސިންގް ޕަންނުން ވަނީ އެމެރިކާ އަދި ކެނެޑާގައި އިންޑިއާގެ ޖާސޫސީ ނެޓްވޯކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އޭނާ މިވާހަކަތައް ދައްކާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި އޭނާ މަރާލުމަށް އިންޑިއާއިން ރާވާފައިވާކަމަށް ބުނެވޭ މައްސަލައަކާ ގުޅިގެންނެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އިންޑިއާގެ ދެ މީހަކާ ދެކޮޅަށް މި މައްސަލައިގައި ދައުވާ އުފުލާފައެވެ. މީގެ ތެރެއިން އެކަކީ ކުރީގެ ސަރުކާރު އޮފިޝަލެއް ކަމަށާއި، މި މައްސަލަ ރޭވުނު އިރު އޭނާ އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ދައުވާގައި ބުނެފައިވެއެވެ.
ޕަންނުން ބުނި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ބޭރު ޤައުމުތަކުގައި ތިބޭ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާތީ، އެމެރިކާ އަދި ކެނެޑާއިން އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓްތައް ދާއިމީކޮށް ބަންދުކުރަން ޖެހޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެމެރިކާ އަދި ކެނެޑާގައި ތިބި ސިކް އެކްޓިވިސްޓުން ވެސް މިފަދަ ތުހުމަތުތަކެއް ކުރިން ކޮށްފައިވެއެވެ. ނަމަވެސް މި ތުހުމަތުތަކާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެމެރިކާ އަދި ކެނެޑާގެ އޮތޯރިޓީތަކުންވެސް މިކަމާ ގުޅޭގޮތުން ކޮމެންޓެއް ދީފައެއް ނުވެއެވެ.
މިދިޔަ އަހަރު އެމެރިކާ އަދި ކެނެޑާގައި ހިނގި މަރުގެ މައްސަލަތަކެއްގައި އިންޑިއާގެ އޭޖެންޓުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭތީ، އިންޑިއާގެ ގުޅުން މި ދެ ޤައުމާއެކު ގޯސްވެފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް އިންޑިއާއިން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!