ދުންފަތުން އުފައްދާފައިވާ ތަކެތި، 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިރޭ މީސްމީޑިޔާގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

Ad
rt

ރައީސް ވިދާޅުވީ، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެކަމަށް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މިގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލައްވައި، މި އޮކްޓޫބަރު 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމަށް ހިމަނަން ވަނީ ނިންމަވާފައެވެ. އަދި އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން އެ ޕްލޭންގައި ހިމެނުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

ރައީސް މުޢިއްޒު މި ނިންމެވުން ނިންމަވާފައިވާއިރު ރާއްޖޭގައި ވޭޕާއި ދުންފަތުގެ ބާވަތްތައް މަނާކުރުމަށް ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

އޭގެ ތެރޭގައި ޑޮކްޓަރުންގެ ޖަމްޢިއްޔާ، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނާއި އަދި ޤައުމީ ބައެއް ކުޅިވަރު ޖަމްޢިއްޔާތައް ހިމެނެއެވެ.

ވޭޕް ކުރުމަކީ ރާއްޖޭގެ ދެ ޖިންސުގެ ޒުވާން އާބާދީން ފެށިގެން ދޮށީ އުމުރަށް ވެސް ވަރަށް ހަލުވި މިނެއްގައި ފެތުރެމުން އަންނަ ނުރައްކާތެރި ސިއްޙީ ޢަމަލެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީ މަަސައްކަތްތެރީންގެ އާބާދީގައި ވެސް މިކަން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.