ރަޝިއާގެ ކޯޓަކުން ފްރާންސްގެ ރިސާޗަރަކަށް 3 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގެ ކޯޓަކުން ފްރާންސްގެ ރިސާޗަރެއް ކަމުގައިވާ ލޯރެންޓް ވިނަޓިއަރ (48 އަހަރު) އަށް 3 އަހަރުގެ ޖަލު ޙުކުމެއް އިއްވީ "ބޭރުގެ އޭޖެންޓް" ޤާނޫނާ ޚިލާފުވުމުގެ ދަޢުވާގައެވެ.
ރަޝިއާގެ ތަޙްޤީޤީ ކޮމިޓީން ބުނާ ގޮތުގައި ވިނަޓިއަރ ވަނީ މިދިޔަ ޖޫން މަހު ޖާސޫސް ކުރުމުގެ ތުހުމަތުގައި އަދި ބޭރުގެ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީ ނުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައެވެ. ރަޝިއާގެ ތަޙްޤީޤުވެރިން ބުނާ ގޮތުގައި ވިނަޓިއަރ ވަނީ ރަޝިއާގެ ސިފައިންނާ ބެހޭ މަޢުލޫމާތު ޤާނޫނާ ޚިލާފަށް ހޯދުމުގެ ކުށަށް އިޢުތިރާފުވެފައެވެ.
ޕްރޮސިކިއުޓަރުން ވިނަޓިއަރ އަށް 3 އަހަރާއި 3 މަހުގެ ޖެ ޖަލު ޙުކުމެއް ނެރެދިނުމަށް އެދުނެވެ. ނަމަވެސް އޭނާގެ ދިފާޢީ ވަކީލުން ވަނީ ޖަލު ޙުކުމުގެ ބަދަލުގައި ޖޫރިމަނާއެއް ކުރުމަށް ކޯޓުގައި އެދިފައެވެ. އަދި ޕްރޮސިކިއުޓަރުންގެ އެދުން "މާ ހަރުކަށި" ކަމަށް ބުނެފައެވެ.
ވިނަޓިއަރ އަކީ ޖެނީވާގައި ހުންނަ ސެންޓަރ ފޯ ހިއުމެނިޓޭރިއަން ޑައިލޮގް ނަމަކަށް ކިޔާ ކޮންފްލިކްޓް ރިޒޮލިއުޝަން ޖަމްޢިއްޔާއެއްގެ ލަފާދޭ ފަރާތެކެވެ. އެ ޖަމިއްޔާގެ ވެރިން ބުނާ ގޮތުގައި ވިނަޓިއަރ އަކީ އޭނާގެ މަސައްކަތާ ގުޅިގެން ގިނަ ދަތުރުތަކެއް އެކި ގައުމުތަކަށް ކުރަމުން އަންނަ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!