އިސްރާއީލު ސިފައިން ލުބުނާންގެ ދެކުނު ސަރަހައްދުގައި ހުރި އީރާނުގެ ކުރީގެ ސަލާމަތީ އިސްވެރިޔާ ޤާސިމް ސުލެއިމާނީގެ ބުދެއް ވައްޓާލައިފިއެވެ.
މި ހަރަކާތުގެ ވީޑިއޯ އިސްރާއީލު ސިފައިން ވަނީ ރެކޯޑުކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
ލުބުނާންގެ ދެކުނު ސަރަހައްދުގައި އޮންނަ މާރޫން އަލް-ރާސް ގައި ހުރި މި ބުދު ހުރީ މިހާރު ހަލާކުކޮށްލާފައެވެ.
ޤާސިމް ސުލެއިމާނީ އަކީ 2020 ވަނަ އަހަރު ބަޣްދާދުގައި އެމެރިކާގެ ޑްރޯން ހަމަލާއަކުން މަރާލި އީރާނުގެ އިސް ސިފައިންގެ ވެރިއެކެވެ.
މި ހާދިސާ ހިނގާފައިވަނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. އިސްރާއީލުގެ ސިފައިން ލުބުނާންގެ ސަރަހައްދަށް ވަދެ، މި ބުދު ވައްޓާލުމަކީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުން އިތުރަށް ގޯސްވެދާނެކަމުގެ ނިޝާނެއް ކަމުގައި ސިޔާސީ ތަހުލީލުވެރިން ދެކެއެވެ.
އިސްރާއީލުގެ ސިފައިން މި ބުދު ވައްޓާލުމުގެ ސަބަބުން ލުބުނާންގެ ހިޒްބުﷲ އާއި އީރާނުގެ ފަރާތުން އަންނާނެ ރައްދަކަށް ގިނަ ބަޔަކު ބަލަމުންދާކަން ފާހަގަކުރެވެއެވެ. މި ހާދިސާއާ ގުޅިގެން ލުބުނާންގެ ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!