އިސްރާއީލާއި އީރާނުގެ ހަނގުރާމަ 7 ބިމަކަށް ފެތުރިއްޖެކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވަނީ އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާ ދިނުމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށައިފައިވާ ކަމަށެވެ. މިހާރު 7 ތަނެއްގައި ހަނގުރާމަ ކުރިއަށްދާ ކަމަށް އައިޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.
ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ކުރިއަށްދާ ހަނގުރާމައިގެ އިތުރުން ލެބަނަން، އީރާން، ޔަމަން، ސީރިއާ އަދި އިރާޤުގައި އިސްރާއީލް ސިފައިން އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް އައިޑީއެފްއިން ބުނެފައިވެއެވެ.
އީރާނާ އެކު ކުރިއަށްދާ ހަނގުރާމައަކީ ސީދާ އެ ޤައުމާ އެކު ކުރެވޭ ހަނގުރާމައެއްގެ ގޮތުގައި އިސްރާއީލުން ދެކޭ ކަމަށާއި، އީރާނުން މިހާރު އަމިއްލަ ކަންކަމާ މެދު ވިސްނަން ޖެހޭނެ ކަމަށް އައިޑީއެފްއިން ބުނެފައިވެއެވެ.
އިސްރާއީލަށް އީރާނުން ފޮނުވާލި 201 މިސައިލުގެ ތެރެއިން ބައެއް މިސައިލު އަމާޒުތަކަށް ވާޞިލް ވެފައިވާ ކަމަށް އައިޑީއެފްއިން ބުނެފައިވެއެވެ. އަދި މި ހަމަލާއަށް އިސްރާއީލުން ބޮޑު ޖަވާބެއް ދޭނެ ކަމަށް ބުނެފައިވީ ނަމަވެސް، އޭގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
އީރާނުގެ ހަމަލާއަށް ޖަވާބު ދިނުމުގައި ރިސްކު ކުޑަކޮށް، ފުރުސަތުތައް އިތުރުކުރުމަށް އައިޑީއެފްއިން ލަފާދީފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން، ސީރިއާގައި ހިޒްބުﷲއަށް އީރާނުން ފޯރުކޮށްދޭ ހަތިޔާރުތަކަށް ހަމަލާދޭނެ ކަމަށް އިސްރާއީލުން އިންޒާރުދީފައިވެއެވެ. އަދި ޔަމަނުގައި ހޫތީންނަށް ތެޔޮ ލިބޭ ބަނދަރަކާއި ދެ ކަރަންޓު ސްޓޭޝަނަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އައިޑީއެފްއިން ބުނެފައިވަނީ މި ހަފްތާގެ ތެރޭގައި ކުރިމަތިވި މިސައިލް ހަމަލާތަކުގައި އެ ޤައުމުގެ ދިފާޢީ ނިޒާމުތައް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!