އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 23 މީހުން ޝަހީދުވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41,638 އަށް އަރާފައި ކަމަށް ޣައްޒާގެ ޞިއްޙަތާބެހޭ މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ.

ޞިއްޙަތާބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 96,460 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދީފައިވާ ހަމަލާތަކުގައި 23 މީހުން ޝަހީދުވެ، 101 މީހުން ޒަޚަމްވެފައިވާ ކަމަށް ބުނެފައިވެއެވެ.

Ad
rt

"ގިނަ މީހުން އަދިވެސް ވަނީ ވެއްޔާއި ކުނޑިތަކުގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި، އެ މީހުންނާ ހަމައަށް ސަލާމަތްކުރާ މީހުންނަށް ނުދެވޭ،" މިނިސްޓްރީން ބުނެފައިވެއެވެ.

އދ. ގެ ސަލާމަތީ ކައުންސިލުން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރޭލުން ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުން ވަނީ ހިޖުރަކުރަން މަޖުބޫރުވެފައެވެ. އަދި ކާބޯތަކެއްޗާއި، ސާފު ފެނާއި، ބޭހުގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޢަމަލުތަކާ ގުޅިގެން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލާ ދެކޮޅަށް ނަސްލު ފޮހެލުމުގެ ދަޢުވާ އުފުލިފައިވެއެވެ.