ތައިލެންޑުގައި ޑޭޓާ ސެންޓަރުތައް އެޅުމަށް ގޫގުލް އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ.

މި އިންވެސްޓްމަންޓުގައި ޑޭޓާ ސެންޓަރަކާއި ކްލައުޑް ސަރަޙައްދެއް ހިމެނޭއިރު، 2025 އިން 2029 އާ ދެމެދު އެވްރެޖްކޮށް 14،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވެއެވެ.

Ad
rt

މި މަޝްރޫޢުގެ ސަބަބުން 2029 ވަނަ އަހަރާ ހަމައަށް ތައިލެންޑުގެ ޖީޑީޕީއަށް ގާތްގަނޑަކަށް 4 ބިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ފެސިލިޓީތައް ޤާއިމުކުރާނީ ބެންކޮކް އަދި ޗޮންބުރީ ސަރަޙައްދުތަކުގައެވެ.

އަލްފަބެޓް އަދި ގޫގުލްގެ ޕްރެޒިޑެންޓް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ރުތު ޕޮރަޓާއި ބައްދަލުކުރެއްވުމަށްފަހު، ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަޓްރާ ވިދާޅުވީ ގޫގުލުން "ކްލައުޑް ފަސްޓް ޕޮލިސީ" އަށް ދެއްވާ އެހީތެރިކަމަށް ސަރުކާރުން ޝުކުރުވެރިވާ ކަމަށެވެ. މި ސިޔާސަތުގެ މަޤްޞަދަކީ ޑޭޓާ މެނޭޖްކުރުން ހަރުދަނާކޮށް، ސަރުކާރުގެ މަސައްކަތްތައް އަވަސްކޮށް، ތައި ރައްޔިތުންނަށް އިތުރަށް ރައްކާތެރި އަދި ހިމެނުންތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ތައިލެންޑުގެ ފުރަތަމަ ޑޭޓާ ސެންޓަރު ޤާއިމުކުރުމަށް ގޫގުލްއާއި ބޯޑް އޮފް އިންވެސްޓްމަންޓް (ބީއޯއައި) އާ ދެމެދު ކުރިއަށްދާ މަސައްކަތްތަކަށް ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.