ބްރެޒިލްގެ ސުޕްރީމް ކޯޓުން އެކްސް (ކުރީގެ ޓްވިޓަރ) ބްލޮކްކުރުމަށް ނެރުނު އަމުރާ ޚިލާފަށް، އެ ސޯޝަލް ނެޓްވާކް ޤަސްދުގައި ހުޅުވާލި ކަމަށް ބްރެޒިލްގެ ނެޝަނަލް ޓެލެކޮމިއުނިކޭޝަންސް އޭޖެންސީ (އަނަޓެލް) އިން ބުނެފިއެވެ.
އަނަޓެލްގެ ބަޔާނެއްގައި ބުނެފައިވަނީ އެކްސްގެ ޢަމަލުތަކުން ދައްކުވައިދެނީ ސުޕްރީމް ކޯޓުގެ އަމުރު ޤަސްދުގައި އިހުމާލުކުރަން އުޅޭ ކަމަށެވެ. އަދި އިތުރަށް ބްލޮކް ކުރުމުން ސަލާމަތްވާން މަސައްކަތްކޮށްފިނަމަ، އޭޖެންސީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ސެޕްޓެމްބަރު 18 ގައި، އެކްސް އިން ތިންވަނަ ފަރާތެއްގެ ސާވަރުތައް ބޭނުންކޮށްގެން ބްރެޒިލްގައި ބްލޮކްކުރެވިފައިވާ ޚިދުމަތްތައް ހުޅުވާލުމަށް މަސައްކަތްކޮށްފައިވެއެވެ. މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، އެކްސްގެ ވެރިޔާ އެލޮން މަސްކް މި ކަމަށް ބޭނުންކޮށްފައިވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކްލައުޑްފްލެއަރގެ އައިޕީ އެޑްރެސްތަކެވެ.
ނަމަވެސް މިކަން އަނަޓެލްއަށް އެނގުމާއެކު، އެކްސްގެ ޚިދުމަތްތައް އަލުން ބްރެޒިލްގައި ބްލޮކްކުރެވުނެވެ. އެކްސްގެ ގްލޯބަލް ގަވަރންމަންޓް އެފެއާޒް ޓީމުން ބުނެފައިވަނީ ބްރެޒިލްގެ ބްލޮކް ފަހަނައަޅައި ދިއުމަކީ އުންމީދު ނުކުރާ އަދި ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.
ބްރެޒިލްގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، މި ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން ސުޕްރީމް ކޯޓުން 5 މިލިއަން ރިއަލް (920,000 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާކުރުމުގެ ފުރުޞަތު އޮތް ކަމަށް ބުނެފައިވީ ނަމަވެސް، މިކަމާ ގުޅޭ ގޮތުން އަދި ރަސްމީ އިޢުލާނެއް ކޮށްފައެއް ނުވެއެވެ.
މަސްކް އާއި ބްރެޒިލްގެ ސަރުކާރާ ދެމެދު މި ޚިލާފު ފެށުނީ 2022 ގައެވެ. އޭރު ސުޕްރީމް ކޯޓުން، އެލެކްޝަން ނަތީޖާއާ މެދު ދޮގު މަޢުލޫމާތު ފަތުރާ އަދި ޑިމޮކްރަސީއާ ދެކޮޅަށް ހިތްވަރުދޭ ކަމަށް ބުނެވޭ ޕްރޮފައިލްތައް ބްލޮކްކުރުމަށް އެކްސް އަށް އަމުރުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!