ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އެ މަޤާމަށް ޢައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، އައްބާސް ޢައްޔަނުކުރުމުގެ މަރުހަލާ ހިންގާފައި ވަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިގެންނެވެ.

Ad
rt

މިގޮތުން ބޭއްވި ތިންވަނަ ޖަލްސާގައި ޖުޑިޝަރީ ކޮމެޓީން އައްބާސްއާއި މެދު ނިންމެވި ގޮތުގެ ރިޕޯޓު ތަޅުމުގައި ވަނީ އިއްވާފައެވެ. ކޮމެޓީގެ މުޤައްރަރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް އިއްވި މި ރިޕޯޓުގައި ކޮމެޓީން އައްބާސް އަށް 93.91 މާކްސް ލިބުނުކަމަށް ވިދާޅުވިއެވެ. އަދި އައްބާސް އާއި މެދު އާންމުންގެ ޝަކުވާއެއް އޮތްތޯ ބެއްލެވި ކަމަށް ވެސް ވިދާޅުވިއެވެ.

ޕީޖީ އަކަށް އައްބާސްގެ ނަން، ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފި

މި ރިޕޯޓު އިއްވުމަށްފަހު ބަހުޘަށް ހުޅުވާލުމުން ޕީއެންސީގެ ފަރާތުން ހުރާދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ އަދި އެމްޑީއޭގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ މި ރިޕޯޓަށް ބަހުސް ކުރަށްވާފައެވެ.

އެއަަށްފަހު އައްބާސް އެ މަޤާމަށް ޢައްޔަނުކުރަން ފެނޭތޯ ވޯޓަށް އެހީ 11:00 ގައި ފެށި މަޖިލީހުގެ ދަންފަޅީގައެވެ. މި ދަންފަޅީގައި ނެގި ވޯޓުން ޕީޖީ ކަމަށް އައްބާސް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީ މަގާމު ހުސްވެފައިވަނީ އެ މަގާމު ކުރިން ހުންނެވި ހުސެއިން ޝަމީމް 22 އޯގަސްޓް 2024 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.