އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒްގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވި މި މުބާރާތް ނިމުނީ ފޯރިގަދަ އަދި އުފާވެރި ޝޯޑައުނަކުންނެވެ.
މި މުބާރާތުގައި ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ24 މުބާރާތް ކުޅުނެވެ. ޕަބްޖީ މޮބައިލްގެ ޗެމްޕިއަންކަން ހޯދީ އަކަޒާޔާ އީސްޕޯޓްސް ޓީމެވެ. އެ ޓީމަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. އީޓޫއެސް ޓީއެމް7 ދެވަނައަށް އައިސް 4,000 ރުފިޔާ ހޯދިއެވެ. އެމްވީޕީގެ މަޤާމު ހޯދި އޭކޭއޭ މާހާއަށް 500 ރުފިޔާ ލިބުނެވެ.
އީއޭއެފްސީ24 މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒިޔާން އިސްމާއިލެވެ. އޭނާއަށް 8,000 ރުފިޔާގެ އިނާމު ލިބުނެވެ. ދެވަނައަށް އައި ހުސައިން ޔައީޝް ޝިހާމަށް 4,500 ރުފިޔާ ލިބުނެވެ.
އުރީދޫއިން ބުނީ ކުރިއަށް އޮތްތަނުގައިވެސް ފޯރިގަދަ އީސްޕޯޓްސް މުބާރާތްތައް ރާވާފައިވާ ކަމަށެވެ. އަދި އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!