ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީ ބަލިވުމުން އެ ޕާޓީން އުޅެނީ ވަރަށް އަސަރުކޮށްގެން ކަމަށާއި، އިންތިޚާބުތައް ކާމިޔާބުކުރަން އެމްޑީޕީން ގޭގޭގެ ވަޅުތައް ހިއްކައިދީގެން އުޅުނު މަންޒަރުވެސް ފެނިފައިވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ދެވަނަ ޖަލްސާ ބާއްވާފައެވެ. މިޖަލްސާގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ރަށަކަށް ތަރައްގީ ބޭނުންވާނަމަ އަވަހަށް ކައުންސިލަރަކު އިސްތިއުފާދޭންވީކަމަށް ވިދާޅުވެ ސަރުކާރަށް އަމާޒުކޮށް ވާހަކަ ދައްކާފައެވެ.

Ad
rt

އެއަށްފަހު ބަހުސްގައި ބައިވެރިވެވަޑައިގެން ބައެއް މެންބަރުން މާޒީގެ މަތިން ހަނދާން ނެތިއްޖެކަމަށް ވިދާޅުވެ، މެންބަރު މުހައްމަދު ވިދާޅުވީ، މައުރޫފަށް ރަށްދު ދެއްވާފައެވެ.

''ދަށުކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލަން އެމްޓީސީސީގެ މަހާޖައްރާފް ގެންގޮސް، ބޭނުންނުވާ ހިސާބުތަކަށާއެއްކޮށް، ގޭގޭގެ ގޯތިތަކުގެ ތެރެއަށާއެކު ވެލިއަޅައިގެން އިންތިޚާބު ކާމިޔާބުކުރަން އުޅުނު މަންޒަރު ދުށިން، ވަޅުތަކުން ފެންހިއްކައިގެން އިންތިޚާބުތައް ކާމިޔާބުކުރަން އުޅުނު މަންޒަރު ދުށިން'' މުހައްމަދު ވިދާޅުވިއެވެ.

''މާލެ އަތޮޅުން ގޮނޑިއެއް ހުސްވެގެން މުޅި އެމްޑީޕީ އެތަނަށް އަރައި، ދައުލަތުގެ ހުރިހާ ކުންފުނިތަކެއް އެތަނަށް އަރައި. އާސަންދައާއި އެންސްޕާގެ މޭޒު އެތަނުގައި ޖަހައި، އެމްޓީސީސީގައި ތިބިނަމަތިބި ސްޓާފުންނެއް ވެސް އެތަނަށް ގޮސްގެން މަަސައްކަތްކުރި މަންޒަރުދުށިން'' އޭނާ އިތުރަށް ވިދާޅުވެފައެވެ.

މުހައްމަދު ވިދާޅުވީ އެމްޑީޕީން އުޅެނީ އަބުދުﷲ ޝާހިދުމެން ފަދަ އެމްޑީޕީގެ މީހުން ގޮސްގެން، ''ދަބަސް ހިފައިގެން މާލޭ ކޮޅުގައި ތިބެގެން'' ވެސް ގޮނޑި ނުނެގުނީމައި، ކުރި އަސަރެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ވާހަކަތަކެއް ދެއްކެނީ ކޮށްފަހުރި ކަންތައް ހަނދާން ނެތިގެނެެއްނޫން ކަމަށާއި، ކުރި އަސަރެއްގެ ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދުގެ ވާހަކާގައި ވަނީ ދައުލަތުގެ ކުންފުނިތައް ބަނގުރޫޓްކޮށްލީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ދެ ފަހަރު އެ ޕާޓީން ކަމަށް ވިދާޅުވެފައެވެ.