ޔުކްރެއިންގެ މިސައިލް ހަމަލާތަކަށް ރަޝިއާއިން ރައްދި ދިނުމުގެ އޮޕްޝަންތަކުގެ ތެރޭގައި ނިއުކްލިއަރ ޓެސްޓެއް ތަޖުރިބާކޮށްފާނެ ކަމަށް މާހިރުން ބުނެފިއެވެ.
ޔުކްރެއިން ދުރުރާސްތާ މިސައިލްތައް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ބާރުއަޅާ ހާލަތެއްގައި، ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން، އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ނިއުކްލިއަރ ޓެސްޓެއް ކުރުން ހިމެނިދާނެ ކަމަށް ތިން މާހިރަކު ބުނެފައިވެއެވެ.
ޔުކްރެއިންގެ މައްސަލައާ ގުޅިގެން އިރުމަތީ-ހުޅަނގުގެ ގުޅުން އައު އަދި ނުރައްކާތެރި މަރުހަލާއަކަށް ވަދެފައިވާ ދަނޑިވަޅެއްގައި، ބްރިޓިޝް ބޮޑުވަޒީރު ކެއިރް ސްޓާމަރ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވޮޝިންގްޓަންގައި މަޝްވަރާތަކެއް ކުރިއަށް ގެންދަނީ ޔުކްރެއިންއަށް އެމެރިކާގެ އޭޓީއޭސީއެމްއެސް ނުވަތަ ބްރިޓެންގެ ސްޓޯމް ޝެޑޯ މިސައިލްތައް ބޭނުންކޮށްގެން ރަޝިޔާގެ އަމާޒުތަކަށް ހަމަލާދިނުމުގެ ހުއްދަ ދޭންވީތޯ ބެލުމަށެވެ.
ރައީސް ޕުޓިން އެންމެ ސާފުކޮށް ދެއްވި އިންޒާރުގައި ވިދާޅުވެފައިވަނީ މިފަދަ ފިޔަވަޅެއް އަޅައިފިނަމަ، އެއީ ހަނގުރާމައިގެ ބާވަތް ބަދަލުކޮށްލާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ހުޅަނގުގެ ގައުމުތައް ސީދާ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި މިކަމަށް "އެކަށީގެންވާ" ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ހެމްބާގްގެ އިންސްޓިޓިއުޓް ފޮރ ޕީސް ރިސާރޗް އެންޑް ސެކިއުރިޓީ ޕޮލިސީގެ އާމްސް މާހިރު އުލްރިޗް ކުއެން ވިދާޅުވެފައިވަނީ ޕުޓިން ނިއުކްލިއަރ މެސެޖެއް ފޮނުވުމުގެ ފުރުސަތު އޮތް ކަމަށެވެ. މިސާލަކަށް ހުޅަނގުގެ ގައުމުތަކަށް ބިރުދެއްކުމުގެ ގޮތުން ނިއުކްލިއަރ ހަތިޔާރެއް ޓެސްޓް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮސްޓްރިއާގެ އިންސްބްރުކް ޔުނިވަރސިޓީގެ ސެކިއުރިޓީ ސްޕެޝަލިސްޓް ގެރްހާޑް މަންގޮޓް ވެސް ވިދާޅުވެފައިވަނީ ރަޝިޔާގެ ޖަވާބުގެ ތެރޭގައި ނިއުކްލިއަރ ސިގްނަލެއް ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ އެއީ މާ ބޮޑަށް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!