އޭޝިއާގައި މިހާރު ދަތުރުކުރަމުންދާ އާދަޔާ ޚިލާފު ބާރުގަދަ ތޫފާން ޔާގީ ވިއެޓްނާމަށް އަރައި އެ ގައުމުގެ ބްރިޖެއް ވެއްޓުމުގެ ސަބަބުން އެބުރިޖުން ދަތުރުކުރި ކާރުތަކެއް ކޯރަކަށް އެޅިއްޖެއެވެ.

ވިއެޓްނާމްގެ އުތުރުގައި ހުރި ފޯންގ ޗައު ބްރިޖް، ގައި ހިނގި މިހާދިސާގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ކޯރަށް އެޅިފައިވެއެވެ. މި ހާދިސާ ހިނގީ ހޯމަ ދުވަހުއެވެ. މި ހާދިސާގައި 13 މީހުން ގެއްލިފައިވާ ކަމަށް ބެލެވޭއިރު، އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

Ad
rt

ހޮނިހިރު ދުވަހުން ފެށިގެން ވިއެޓްނާމްގެ އުތުރުގައި ޖެހެމުންދާ މި ގަދަ ވައިގެ ސަބަބުން މިހާތަނަށް 60 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 240 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. މި ވައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކަރަންޓު ކެނޑިފައިވެއެވެ.

ބްރިޖް ވެއްޓުމުގެ ސަބަބުން 10 ކާރާއި 2 ސްކޫޓަރު ކޯރަށް އެޅުނު ކަމަށް ވިއެޓްނާމްގެ ޑެޕިއުޓީ ބޮޑުވަޒީރު ހޯ ޑުކް ފޯކް ވިދާޅުވިއެވެ. މިހާތަނަށް 3 މީހުން ސަލާމަތްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގަދަ ވައިގެ ސަބަބުން ގޭގޭގެ ފުރާޅު އެއްލައިލައި، ގަސްތައް ވެސް ވެރިފައިވެއެވެ. ވައިގެ ބާރުމިން ގަޑިއިރަކު 203 ކިލޯމީޓަރަށް އަރާފައިވެއެވެ. އޭޝިއާގައި މިއަހަރު މިހާތަނަށް ޖެހުނު އެންމެ ގަދަ ވައިކަމަށް މި ވައި ފާހަގަކުރެވެއެވެ.

މި ވަގުތު ވައިގެ ބާރު ކުޑަވެފައިވީ ނަމަވެސް، އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ވިއެޓްނާމްގެ އޮތޯރިޓީތަކުން އިންޒާރުދީފައިވެއެވެ. ވިއެޓްނާމްގެ 12 ޕްރޮވިންސްއެއްގައި ސްކޫލްތައް ވަގުތީގޮތުން ބަންދުކޮށްފައިވެއެވެ.