އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ މަސްރޭހުގެ ތެރެއިން ނައިފަރު މަސްރޭސް ބާއްވާނެ ތާރީޚު އިއުލާން ކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނައިފަރު މަސްރޭސް އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 6 ވާ ހުކުރު ދުވަހު ކަމަށެވެ.
ކުރިން މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެނެސްފައިވަނީ އޭރު ރާއްޖެއަށް ކުރަމުންދިޔަ ވިއްސާރައިގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
އުރީދޫގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވަން ތާވަލުކޮށްފައިވާ މަސްރޭހުގެ ތެރެއިން ހިންމަފުށީގައި ބޭއްވި މަސްރޭސް ކާމިޔާބުކޮށްފައިވަނީ ސިފްކޯ ޓީމުންނެވެ. އަދި ތިނަދޫ ސިޓީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބްލެކް އޭންޓް ފިޝިންގ އިންނެވެ.
މިއަހަރުގެ މަސްރޭސް ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައި ބޭއްވުމަށް ތާވަލުކުރިއިރު، މަސްރޭސް މިހާރު ނުބޭއްވި އޮތީ ނައިފަރުގައި އެކަންޏެވެ.
އުރީދޫ މަސްރޭހަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް އެންމެ ފުރަތަމަ ހަމައެކަނި މާލެއަށް އަމާޒުކޮށްގެން ބޭއްވި ނަމަވެސް، އަތޮޅުތެރެއަށްވެސް ހުޅުވާލުމުން ކޮންމެ އަހަރަކުވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!