ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހައި، ޝަމީމް ވަކިކުރަން ފާސްކޮށްފިއެވެ.
މިއަދުގެ ދެވަނަ ޖަލްސާގެ ގޮތުގައި ޝަމީމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް މިރެއަށް ތާވަލުކޮށް، ޖަލްސާ ފަށާފައި ވަނިކޮށް، ޕީޖީ އޮފީހުން ވަނީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވާފައިވާ ކަމަށް ބުނެފައެވެ.
ނަމަވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބިފައިވާކަން މަޖިލީހަށް ކަށަވަރުނުވާތީ ޖަލްސާ ކުރިއަށް ގެންދިޔައެވެ. އަދި ޝަމީމް ވަކިކުރުމުގެ މައްސަލައިގެ ކޮމެޓީ ރިޕޯޓަށް މެމްބަރުން ބަހުސްކޮށް ވެސް ކުރިއެވެ.
އެއަށްފަހު ވޯޓުގެ ގަޑިޖެހުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ވޯޓަށް އެހުމުގެ ކުރިން ވެސް ޝަމީމްގެ އިސްތިއުފާ ރައީސް އޮފީހަށް ލިބުނުތޯ ކަށަވަރުކުރަށްވަމުން މަޖިލީހުގެ އިދާރީ ތަރުތީބުގެ ތެރެއިން އެކަން ކުރިއަށް ގެންދަވާފައެވެ.
މިގޮތުން ރައީސް އޮފީހަށް ޝަމީމްގެ އިސްތިއުފާ ސިޓީ ލިބިފައިނުވާކަން ސާފުވެއްޖެކަމަށް ޢިއުލާން ކުރައްވައި ޝަމީމް ވަކިކުރަން ފެނޭތޯ ވަނީ ވޯޓަށް އަހާފައެވެ.
މި ވޯޓުގައި ޝަމީމް ވަކިކުރަން 65 މެމްބަރުން ވޯޓު ދެއްވިއެވެ. ނުވަ މެމްބަރަކުވަނީ ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!