މިރޭ ދަންވަރު 1 ޖަހަންދެން ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލު ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ނެރުނު މި އިންޒާރުގައި ވިދާޅުވެފައިވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި ގަދަ ވައި ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. މި އިންޒާރު ދެމިއޮންނާނީ މިރޭ 8:15 އިން ފެށިގެން މިރޭ ދަންވަރު 1:00 އާ ހަމައަށެވެ.
މި މޫސުމުގެ ހާލަތުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި މަސްވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް އިދާރާއިން އިލްތިމާސް ކުރައްވައެވެ. އަދި އާންމު ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިވަޑައިގެންފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ރަސްމީ ޗެނަލްތަކަށް ސަމާލުކަން ދޭންޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!