ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ "ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނުން ޖަމާކުރެވުނު ފަންޑު މުޅިން އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) ގެ އެކައުންޓަށް ދިވެހި ސަރުކާރުން އިއްޔެ ޖަމާކޮށްދީފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރި ގޮތުގައި، ޓެލެތޯނުން ލިބުނު މުޅި ފަންޑު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ޖަމާކުރެވިފައެވެ. މި ޓެލެތޯނުން ޖުމްލަ 19,309,468.02 ރުފިޔާ (ނަވާރަ މިލިއަން ތިންލައްކަ ނުވަހާސް ހަތަރުސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ ދެލާރި) ވަނީ އެއްކުރެވިފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ޕީއެސްއެމްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދެވުނު މި ޓެލެތޯނަށް ޢާންމުންގެ ފަރާތުން ފާހަގަކޮށްލެވޭ އިޖާބައެއް ލިބުނެވެ. ޤައުމީ ފެންވަރުގައި ބޭއްވުނު މި ޓެލެތޯނަށް ދައުލަތުގެ އެކި މުއައްސަސާތަކާއި، ސްކޫލްތަކާއި، އަމިއްލަ ފަރުދުންނާއި އަދި ކުންފުނިތަކުން ފާހަގަކޮށްލެވޭ އެހީތެރިކަމެއް ފޯރުކޮށްދެއްވިއެވެ.

ޓެލެތޯނަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިވަން އޮޑިޓް ފާމެއް ކަމުގައިވާ "ކްރޯ މޯލްޑިވްސް" އިންނެވެ.

މީގެ އިތުރުން، ފަލަސްތީނަށް އެހީވާ އދ. ގެ މި ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ އެހީގެ ޢަދަދު 5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މި ޓެލެތޯން ބޭއްވުނީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު، ހެނދުނު 8:00 އިން ފެށިގެން އެރޭގެ މެދަންޖެހެންދެނެވެ. މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑުފޮށި ބެހެއްޓިފައި ހުރީ އެދުވަހުގެ ހަވީރު 6:00 އާ ހަމައަށެވެ. ޓެލެތޯންގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަންޑުފޮށި ބެހެއްޓުނެވެ. މީގެ އިތުރުން، އޮންލައިންކޮށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމުވެސް ހަމަޖެއްސުނެވެ.