ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލަށް ތެޔޮ ނުލިބި، އެތަނުގައި ފަރުވާ ދެމުންދާ 11 ކުޑަކުދިން މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުޝާމް އަބޫ ސާފިޔާ އަލްޖަޒީރާއަށް ދެއްވި މަޢުލޫމާތުގައި، ތެލުގެ ދަތިކަމުގެ ސަބަބުން ނާސަރީ އާއި އިންޓެންސިވް ކެއާ ޔުނިޓްތަކުގައި ފަރުވާ ދެމުންދާ 11 ކުއްޖަކު ގަޑިއިރެއްގެ ތެރޭގައި މަރުވުމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ހޮސްޕިޓަލް ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.

Ad
rt

ޣައްޒާގެ އުތުރު ސަރަހައްދަށް ތެޔޮ ނުލިބުމަކީ މި ކުދިންނަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޑރ. އަބޫ ސަފިއްޔާ ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތެލާއި ބޭސް އުފުލާ ގާފިލާއެއް އެ ސަރަހައްދަށް ފޮނުވާފައިވީ ނަމަވެސް، އިސްރާއީލު ސިފައިންގެ ހުއްދައަށް އިންތިޒާރު ކުރަމުންދާ ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔަކު ބުނެފައިވެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގެ 33 ސިއްހީ މަރުކަޒެއްގެ ހިދުމަތް ހުއްޓިފައިވާ ކަމަށާއި، ބާކީ ހުރި ހޮސްޕިޓަލްތަކަށް ދުވާލަކު މަދުވެގެން 4,000 ލީޓަރުގެ ތެޔޮ ބޭނުންވާ ކަމަށް އެ ނޫސްވެރިޔާ މަޢުލޫމާތު ދީފައިވެއެވެ. މި ހާލަތުގައި ބޭނުންވާ ތެލާއި އެހެނިހެން ސާމާނު ލިބޭނެކަމުގެ ޔަގީންކަން ނެތްކަން ފާހަގަކޮށްފައިވެއެވެ.