ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާ އަދި އިތުރު މީހަކު ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. އެ މީހުން މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ އެމީހުންނާ ދެކޮޅަށް ހެކި ނެތުމުން ކަމަށެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ މައްސަލާގައި ރަމީޒުގެ މައްޗަށް ތުހުމަތެއް ނެތް ނަމަވެސް ރަމީޒާއި ޝަމްނާޒު ވެސް ހުރީ ސަސްޕެންޑު ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!