ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ތަޢާރަފުކުރެވުނު "އިމިގްރޭޝަން ވޮޗް" އޮންލައިން ޕޯޓަލަށް، 290 މައްސަލަ ހުށަހެޅިފައިވެ އެވެ.
ސަރުކާރުގެ ރަސްމީ ވެބްސައިޓް "ސަރުކާރު.އެމްވީ" ގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް ހުށަހެޅިފައިވާ 290 މައްސަލައިގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަޙްޤީޤުކުރަމުން ގެންދާ ކަމަށާއި، 146 މައްސަލައިގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 5 މައްސަލައަކީ ކަމާ ގުޅުމެއް ނެތް މައްސަލަތަކެއްކަން ވެސް ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ވެބްސައިޓުގައި ޤާއިމުކުރެވިފައިވާ މި ޕޯޓަލް މެދުވެރިކޮށް، އަމިއްލަ ކާކުކަން ހާމަނުކޮށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިއީ މިހާރުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަމަކަށްވާ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދައި، އަނބުރާ ފޮނުވާލުމުގެ މަސައްކަތުގެ ބައެކެވެ.
ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި 2,000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓުކުރެވިފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ޚާއްޞަ ރެއިޑް އޮޕަރޭޝަންތައް އަންނަނީ ހިންގަމުންނެވެ.
"އިމިގްރޭޝަން ވޮޗް" ތަޢާރަފުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!