ދުނިޔޭގެ އެންމެ މަޤްބޫލު ފޮޓޯ ހިއްސާކުރާ ޕްލެޓްފޯމް، އިންސްޓަގްރާމުން އިތުރު ބޮޑު ބަދަލެއް ގެނެސްފިއެވެ. މިގޮތުން، މިހާރު އެއް ޕޯސްޓެއްގައި އެއްފަހަރާ 20 ފޮޓޯ ނުވަތަ ވީޑިއޯ އަޕްލޯޑް ކުރެވޭނެއެވެ.

އިންސްޓަގްރާމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އެއް ކެރޮސެލްއެއްގައި ނުވަތަ ޕޯސްޓެއްގައި 20 ފޮޓޯ ނުވަތަ ވީޑިއޯ އެޑް ކުރެވޭނެ ކަމަށެވެ. މީގެ ކުރިން އެއް ޕޯސްޓެއްގައި އަޕްލޯޑް ކުރެވެނީ 10 ފޮޓޯ ނުވަތަ ވީޑިއޯއެވެ.

Ad
rt

އިންސްޓަގްރާމްގައި ކެރޮސެލްސް ފީޗާ ނުވަތަ އެއް ޕޯސްޓެއްގައި ގިނަ ފޮޓޯ ލެވޭ ގޮތަށް އެންމެ ފުރަތަމަ ތަޢާރަފުކުރީ 2015 ވަނަ އަހަރުއެވެ. އޭރު އެއްފަހަރާ އަޕްލޯޑް ކުރެވެނީ ފަސް ފޮޓޯއެވެ. 2017 ވަނަ އަހަރު މި ފީޗާ ފުޅާކޮށް، ވީޑިއޯތައް ހިމަނައިގެން 10 އަށް ބަދަލު ކުރިއެވެ.

މި އަހަރުގެ މާރިޗް މަހު، އިންސްޓަގްރާމުން މި ފީޗާ އިތުރަށް ފުޅާކުރުމުގެ ޓެސްޓު ބުރުތަކެއް ކުރިއަށް ގެންދިޔައެވެ. މި ޓެސްޓުގައި ލިމިޓެޑް ޕޫލަކަށް ފުރުސަތު ދީގެން އެއް ކެރޮސެލްއެއްގައި 15 ފޮޓޯ ނުވަތަ ވީޑިއޯ ހިމެނޭ ގޮތަށް ބަދަލު ގެނައެވެ.

މި ފީޗާ ފުޅާކުރުމުން ގިނަ ކޮންޓެންޓްތަކެއް ޝެއާކުރުމުގެ ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް މި ބަދަލުން ފައިދާތަކެއް ކުރާނެއެވެ.

އިންސްޓަގްރާމުން މިހާރު ހުރި ފީޗާތަކަށް ބަދަލުތައް ގެންނަމުންދާއިރު، އާ ފީޗާތަކާއި އެންހޭންސްމަންޓްތައް ތަޢާރަފް ކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ. މިއީ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަކޮށް ތަޖުރިބާ ރަނގަޅު ކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ.