ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި އަހަރުގެ ސެޕްޓެމްބަރު މަހު "އެމް.އެން.ޔޫ. ފޮތް މައުރަޒު" ބޭއްވުމަށް ނިންމައިފި އެވެ.

އެމް.އެން.ޔޫ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 14 އަށް، ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ.

Ad
rt

މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ޤައުމީ ޔުނިވަރސިޓީން ބާއްވާ މި ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި، ވިއްކާ މީހުންނާއި، ގަންނަ މީހުންގެ ބާޒާރެކެވެ.

މި މައުރަޒުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި އައު ފޮތްތައް އާންމުންނާ ހަމައަށް ގެނެސްދިނުން ހިމެނެއެވެ. އަދި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފެއްދުމުގެ އިތުރުން، ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުޞަތު ފަހިކޮށްދިނުންވެސް ހިމެނެއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް މި މައުރަޒުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާ، މުޅިން ހިލޭ ސާބަހަށް ބައިވެރިވެވޭނެއެވެ.

ޤައުމީ ޔުނިވަރސިޓީން މިފަދަ ގިނަ ހަރަކާތްތަކެއް ޤައުމު ބިނާކުރުމަށްޓަކައި އެކި ނަންނަމުގައި ބާއްވަމުން ގެންދާކަން ފާހަގަކުރެވެއެވެ.