ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، އެ މަގާމުން ވަކިކުރުމަށްފަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފިއެވެ.
މި ބަދަލު ގެނައި ސަބަބު މިވަގުތު ސާފުވެފައެއް ނުވެއެވެ. އެލްޖީއޭގެ އިސްވެރިއަކަށް ޒުލްފާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެލްޖީއޭ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.
ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޒުލްފާ ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނާޖީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.
ޑރ. މަރްޔަމް ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލް.އެލް.އެމް.) އަދި ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ހާސިލްކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!