އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ހުންނަ ކެޕިޓޯލް ހިލްގައި މިއަދު ޔަހޫދީ އެކްޓިވިސްޓުން މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރާ ގުޅިގެންނެވެ.
ޖުވިޝް ވޮއިސް ފޯ ޕީސް އިން އިންތިޒާމުކުރި މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން "ލެޓް ގާޒާ ލިވް" އަދި "ސްޓޮޕް ޖެނޮސައިޑް" ފަދަ އިބާރާތްތައް ގޮވަމުން ދިޔައެވެ. އަދި "ޖުވްސް ސޭ ސްޓޮޕް އާމިންގ އިސްރާއީލް" މިހެން ލިޔެފައިވާ ޓީޝާޓުތައް ލައިގެން ތިބިއެވެ.
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ރެބައިންނާއި، ދަރިވަރުންނާއި، އިސްރާއީލީ އެމެރިކަނުންނާއި، ހޮލޯކޯސްޓުން ސަލާމަތްވި މީހުންގެ ދަރިން ހިމެނެއެވެ. މުޒާހަރާކުރި ފަރާތްތަކުން ބުނީ ޔަހޫދީންގެ ރައްކާތެރިކަމަކީ އިސްރާއީލަށް ހަތިޔާރު ދިނުމެއް ނޫން ކަމަށާއި، އެމެރިކާއިން އިސްރާއީލަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ޖެހޭ ކަމަށެވެ.
މުޒާހަރާކުރި ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިމާރާތްތަކުގެ ތެރޭގައި މުޒާހަރާކުރުން މަނާކަން އެންގުމަށްފަހު، އެތަނުން ދުރުނުވި ފަރާތްތައް ކެޕިޓޯލް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މާދަމާ ނެތަންޔާހޫ ކޮންގްރެސްގައި ވާހަކަދައްކަން ހަމަޖެހިފައިވާއިރު، އެކަމާ ދެކޮޅަށާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ގޮވާލައި އެތައްހާސް މީހުން ނޭޝަނަލް މޯލްގައި މުޒާހަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުންގެ އާއިލާތަކުން ވެސް ވޮޝިންގްޓަންގައި އެއްވެ، އެމީހުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!