ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތަކީ ބަޤަރާ ސޫރަތުގެެ 282 ވަނަ އާޔަތެވެ.
މިއާޔަތަކީ ދަރަނީގެ އާޔަތެވެ. މިއީ ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތެވެ. މިއާޔަތް ބާވައިލެއްވުނީ މާލީ ޙައްޤުތައް ކަނޑައަޅުއްވައި، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރެއްވުމަށެވެ.
ތިރީގައި މި ހިއްސާކޮށްލަނީ މި އާޔަތުގެ މާނައާއި އެ އާޔަތުގެ ތަފްސީރެވެ. ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ "ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު" ގެ ދިވެހި ތަރުޖަމާ އިންނެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ فَإِن كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ أَن تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِندَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (2:282)
އާޔަތުގެ މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ مدة އަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ معاملة އެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު عدل ވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، اللَّه ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ منع ވެ ނުގަންނަހުށި ކަމެވެ! ފަހެ، އޭނާ ލިޔާހުށި ކަމެވެ! އަދި، އެމީހެއްގެ މައްޗަށް حق އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ تقوى ވެރި ވާހުށިކަމެވެ! އަދި، އެއިން އެއްވެސް އެއްޗެއް އުނި ނުކުރާ ހުށިކަމެވެ! ފަހެ، އެމީހެއްގެ މައްޗަށް حق އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާނަމަ (އެބަހީ: ވިޔާނުދާ خرد ކޮށް إسراف ކޮށްއުޅޭ، އުޅުންގޯސް މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކުފަދަ މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކު ކަމުގައިވާނަމަ، ފަހެ، عدل ވެރިކަމާއެކު އޭނާގެ ولى ވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ! އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: عدل ވެރި مسلم ންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ. އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! އަދި (އެ ދަރަނި) ކުޑަކަމުގައިވިޔަސް، ނުވަތަ ބޮޑު ކަމުގައިވިޔަސް އެ ދަރަނީގެ مدة އާ ހަމަޔަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ! އެގޮތަށް ލިޔުން، اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އަދި، ހެކި ދިނުމަށް ސީދާކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް شك ނުވުން ގާތްކަން ބޮޑުވެސްމެއެވެ. ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ، ތިޔަބައިމީހުން ހެކިކުރާށެވެ! އަދި، ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށްވެސް ގެއްލުމެއް ލިބިގެން ނުވާހުށްޓެވެ.) ތިޔަބައިމީހުން (ނަށް ނަހީކުރެއްވި ކަންތައް) ކުރާނަމަ، ފަހެ، ހަމަކަށަވަރުން، އެއީ، ތިޔަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) فاسق ކަމެކެވެ. ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (2:282)
ތަފްސީރު:
މިއާޔަތަކީ ދަރަނީގެ އާޔަތެވެ. މިއީ ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތެވެ. މިއާޔަތް ބާވައިލެއްވުނީ މާލީ ޙައްޤުތައް ކަނޑައަޅުއްވައި، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރެއްވުމަށެވެ.
ތިޔަބައިމީހުންގެ އެއްވެސް މީހަކަށް މީހަކު ދަރަންޏެއް ދޭން އޮތިއްޔާ، ނުވަތަ ކަނޑައެޅޭ ވަކި މުއްދަތަކަށް ދަރަންޏަށް ވިޔަފާރިކުރާނަމަ، އެ ދަރަނި ލިޔާށެވެ. އޭގެ އިތުބާރާއި ޔަގީންކަން ބޮޑުކުރުމަށެވެ. ދަރަނި ލިޔާ މީހާ ވާންޖެހޭނީ، އޭނާ ލިޔާ އެއްޗަކަށް އަމާނާތްތެރި، އަދުލުވެރި، އިތުބާރު ހިފޭ މުސްލިމަކަށެވެ. ﴿وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ ٱللَّهُ ۚ﴾ އަދި ލިޔާ އެއްވެސް މީހަކު އެއްބަސްވުންތައް ލިޔާން ޖެހޭގޮތަށް ލިއުމަށް ދެކޮޅު ނަހަދާށެވެ. ﴿فَلْيَكْتُبْ وَلْيُمْلِلِ ٱلَّذِى عَلَيْهِ ٱلْحَقُّ وَلْيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبْخَسْ مِنْهُ شَيْـًٔا ۚ﴾ އޭނާ އެއެއްބަސްވުން ލިޔާހުށިކަމެވެ. އަދި އޭނާއަށް ލިޔާންވާ އެއްޗެއް ކިޔައިދޭނީ އެމީހެއްގެ މައްޗަށް ދަރަނި އޮތް މީހާއެވެ. އޭނާއަކީ އޭނާގެ މައްޗަށް ހެކިދެވޭ މީހާއެވެ. އޭރުން މިލިޔުން ވާނީ އޭނާ އަމިއްލައަށްވާ އިޤްރާރަކަށެވެ. އޭނާ ޢާލަމްތަކުގެ ވެރިރަސްކަލާނގެ އަށް ބިރުވެތިވެ ހުންނާށެވެ. އަދި މީހެއްގެ ޙައްޤުން އެއްވެސް އެއްޗެއް އުނިނުކުރާހުށިކަމެވެ. ﴿فَإِن كَانَ ٱلَّذِى عَلَيْهِ ٱلْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُۥ بِٱلْعَدْلِ ۚ﴾ އެމީހެއްގެ މައްޗަށް ދަރަނި އޮތް މީހާއީ ބުއްދި ހަމަނުޖެހޭ މޮޔައެއް، ކުޑަކުއްޖެއް، މުސްކުޅިއެއް، ނުވަތަ ވާހަކަނުދެއްކޭ މަންމަނެއް ނަމަ އޭނާ ލިޔާންވާ އެއްޗެއް އޭނާގެ ފަރާތުން ކިޔައިދޭނީ އޭނާގެ ވާރުތަވެރިޔާއެވެ. އެއްވެސް އުނި އިތުރަކާ ނުލައެވެ.
﴿وَٱسْتَشْهِدُوا۟ شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَٱمْرَأَتَانِ مِمَّن تَرْضَوْنَ مِنَ ٱلشُّهَدَآءِ﴾ ދަރަނީގެ އެއްބަސްވުމުގެ އިތުބާރު ބޮޑުކުރުމަށް ޓަކައި، އެއެއްބަސްވުމަށް ހެކިވާނޭ ހެކީންގެ ގޮތުގައި ޢަދުލުވެރި ދެ ފިރިހެނުން ހޯދާށެވެ. ދެ ފިރިހެނުން ނުލިބުނު ނަމަ އިތުބާރު ކުރެވޭ އަމާނާތްތެރީންގެ ތެރެއިން ފިރިހެނަކާއި ދެއަންހެނުން ހޯދާށެވެ. ﴿أَن تَضِلَّ إِحْدَىٰهُمَا فَتُذَكِّرَ إِحْدَىٰهُمَا ٱلْأُخْرَىٰ ۚ﴾ މިތާނގައި މިވަނީ ފިރިހެނެއްގެ ބަދަލުގައި ދެއަންހެނުން ހޯދާން ޝަރުޠުކުރެއްވި ސަބަބު ބަޔާން ކުރައްވައިފައެވެ. އެއީ އޭގެ ތެރެއިން އެކަކު މައްސަލަ ހަނދާންނެތިއްޖެއްޔާ އަނެކަކު އޭނާއަށް ހަނދާންކޮށްދިނުމަށެވެ. އެއީ، ހަނދާން ނެތުމަކީ އަންހެނުންގެ ޠަބީޢަތުގައި ހުންނަ ކަމަކަށް ވާތީއެވެ. ޚާއްޞަކޮށް މާލީ މައްސަލަތަކުގައެވެ. އެއީ ޚާއްޞަކޮށް ފިރިހެނުންގެ ދާއިރާއަކަށް ވާތީއެވެ. އެއްގޮތަކަށްވެސް އަންހެނާގެ ކަރާމާތަށް އުނިކަމެއް ގެންނާކަށް ނޫނެވެ.
﴿وَلَا يَأْبَ ٱلشُّهَدَآءُ إِذَا مَا دُعُوا۟ ۚ﴾ ހެކިވެރީންނަށް ހެކިބަސް ދިނުމަށް ގޮވައިލެވިއްޖެއްޔާ، އެމީހުން އެކަމަށް އިންކާރު ނުކުރާހުށިކަމެވެ. ޙައްޤުތަކެއް ގެއްލިގެން ދިޔަނުދިނުމަށެވެ. ﴿وَلَا تَسْـَٔمُوٓا۟ أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰٓ أَجَلِهِۦ ۚ﴾ އަދި ދަރަނި ކުޑަކަމުގައި ވިޔަސް ނުވަތަ ބޮޑުކަމުގައި ވިޔަސް އަދި މަދުކަމުގައި ވިޔަސް ނުވަތަ ގިނަކަމުގައި ވިޔަސް އެދަރަނީގެ މުއްދަތާ ހަމައަށް ލިއުމަށް ތިޔަބައިމީހުން ފޫހިނުވާށެވެ. ﴿ذَٰلِكُمْ أَقْسَطُ عِندَ ٱللَّهِ وَأَقْوَمُ لِلشَّهَـٰدَةِ وَأَدْنَىٰٓ أَلَّا تَرْتَابُوٓا۟ ۖ﴾ އެގޮތަށް ލިއުން މާތް ﷲގެ ޙަޟްރަތުގައި މާ އިންސާފުވެރިކަން ބޮޑެވެ. އަދި ހެކިބަސް ހަނދާން ނެތުނަސް. ހެކިބަހުގެ ސާބިތުކަން ބޮޑެވެ. އެއީ، ހެކިބަހަކީ ވެސް ހަނދާން ނެތުން އެކަށީގެންވާ އެއްޗަކަށް ވާތީއެވެ. އަދި ދަރަނީގެ މިންވަރާއި މުއްދަތާ މެދު ތިޔަބައިމީހުން ޝައްކު ނުކުރުންވެސް މާ ގާތެވެ.
﴿إِلَّآ أَن تَكُونَ تِجَـٰرَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ﴾ ވިޔަފާރީގެ މުޢާމަލާތަކީ ވަގުތުން ފައިސާދީފައި، ވަގުތުން އަގު އަތުލައިގެން ތިޔަބައިމީހުންގެ މެދުގައި ހިނގާ މުޢާމަލާތެއް ނަމަ، ނުލިއުނަސް ތިޔަބައިމީހުންގެ މައްޗަށް ފާފައެއް ނެތެވެ. އަދި އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެއްވެސް ފަރާތެއްގެ ޙައްޤެ ގެއްލި، އެއްވެސް މީހަކު އެ މުޢަމަލާތަށް އިންކާރުކުރުމުގެ ފުރުސަތު ނެތީމައެވެ. ﴿وَأَشْهِدُوٓا۟ إِذَا تَبَايَعْتُمْ ۚ وَلَا يُضَآرَّ كَاتِبٌ وَلَا شَهِيدٌ ۚ﴾ އަދި ތިޔަބައިމީހުން ކުރާ ވިޔަފާރީގައި ހެކީން ބޭނުން ކުރާށެވެ. ޚާއްޞަކޮށް މިލިއަނުން ހިންގާ ފިހާރަތަކާއި، ގެތައް ވިއްކުން ފަދަ ބޮޑެތި މުޢާމަލާތްތަކުގައެވެ. އެއްވެސް ފަރާތަކުން ދެކޮޅު ހަދައި އިންކާރު ކުރުމުގެ ފުރުޞަތު ނުދިނުމަށް ޓަކައެވެ. އަދި ލިޔާ މީހާއަށާއި ހެކިވެރިއަކަށް ވެސް އަނިޔާ ނުކުރާހުށިކަމެވެ. މިސާލަކަށް ދަތުރު ޚަރަދު ނުދީ އެހެން ރަށަކަން ދާން ބުނުމާއި، އޭނާ ކުރާ މަސައްކަތް ދޫކޮށްލައިފައި ހެކިބަސް ދިނުމަށް އަންނާން ބުނުން ކަހަލަ ކަމަކުންނެވެ. އެގޮތަށް ހެދުމުގެ ބަދަލުގައި އޭނާ އަށް މާތްކޮށް ހިތައި އޭނާގެ ހުސް ވަގުތުގައި އަންނާން ބުނެވިދާނެއެވެ.
﴿وَإِن تَفْعَلُوا۟ فَإِنَّهُۥ فُسُوقٌۢ بِكُمْ﴾ ތިޔަބައިމީހުންނަށް ނަހީކުރެވިފައިވާ ކަންތައް ތިޔަބައިމީހުން ކޮށްފިނަމަ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އުރެދުނީއެވެ. އަދި، މާތް ﷲގެ އަމުރާއި ޚިލާފުވެ، ސީދާ މަގުން އެއްކިބާވީތީ ތިޔަބައިމީހުން ފާސިޤުންނަށް ވީއެވެ. ﴿وَٱتَّقُوا۟ ٱللَّهَ ۖ وَيُعَلِّمُكُمُ ٱللَّهُ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ﴾ ތިޔަބައިމީހުން ﷲ އަށް ބިރުވެތިވެ އެކަލާނގެ ކަނޑައަޅުއްވައިފައިވާ ޙައްދުން ބޭރުނުވާށެވެ. އެކަލާނގެ ތިޔަބައިމީހުންނަށް ފައިދާ ހުރި، އަދި ތިޔަބައިމީހުންގެ މަސްލަޙަތު ހުރި ގޮތް ހޯދައިދޭ ޢިލްމު ދެއްވާނެއެވެ.
އަޅުތަކުންނަށް ފައިދާހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ މާތް ﷲ އެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ހާދަހާ އޯގާތެރިއެވެ! އެކަލާނގެ އެންމެ ދިގު އާޔަތް ބާވައިލެއްވީ އެބައިމީހުންނަށް ދުނިޔަވީ ގޮތުން ފައިދާ ހުރި ގޮތް ހޯދައިދޭ މާލީ ޙައްޤުތަކާ ގުޅޭ ޙުކުމްތައް ބަޔާންކުރެއްވުމަށެވެ. އަނިޔާވެރިކަމާއި، ޙައްޤުތަކަށް އަރައިގަތުން ނެތިކޮށްލެއްވުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!