48 ދަޅާއި 13 ފުޅި ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީ ފިރިހެނަކު ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރީތިގަސްމަގުން ދުއްވަމުންދިޔަ ވޭނެއް ހުއްޓުވައި ބަލައިފާސްކުރުމުން 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

Ad
rt

ފުލުހުން ބުނީ، މި ވޭނުގައި ދުއްވަމުންދިޔަ 29 އަހަރުގެ މީހާއާމެދު ތުހުމަތުކުރެވިގެން އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.

މީގެއިތުރުން، މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލެ ކަންނެލި ޖެޓީގައި ހިނގި އެހެން ހާދިސާއެއްގައި 120 ދަޅު ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އެ ހާދިސާގައި ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކު ފުލުހުންނަށް ފެނި، އެމީހުން މަޑުކުރަން އެންގުމުން ފިލައިގެން ގޮސްފައިވެއެވެ. ނަމަވެސް ސީސީޓީވީ ކެމެރާތަކުން އެ ސަރަހައްދު ބަލައި، އެތަނުން ފެނުނު ކަޅު ކޮތަޅުތަކުން 120 ދަޅު ބަނގުރާ ފެނިފައިވެއެވެ.

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން މި ދެ މައްސަލަ ވެސް މިހާރު ދަނީ ތަޙްޤީޤުކުރަމުންނެވެ.