ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފިއެވެ.

މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭނެ ހެދުމެވެ.

Ad
rt

މި އިޞްލާޙު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ އުތުރު ދާއިރާގެ ޕީ.އެން.ސީ މެންބަރު ޙުސައިން ޝަރީފެވެ. މި އިޞްލާޙުގެ މަޤްޞަދަކީ ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނެނީ 9 މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު 6 މެންބަރުންނެވެ. ނަމަވެސް، އައު އިޞްލާޙުގެ ދަށުން އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭނީ ރައީސާއި ނައިބު ރައީސް އަދި އިތުރު 7 މެންބަރުންނެވެ.

މީގެ އިތުރުން، މި ބިލުގައި އިތުރު އިޞްލާޙެއް ވެސް ހުށަހަޅާފައިވެއެވެ. އެ އިޞްލާޙުގެ ދަށުން، ރަސްމީ އިދާރާތަކުގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަޢުލީމީ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ އިތުރުން، ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތަކާއި ތަޢުލީމީ ސަނަދުތައް ބޭރު ޤައުމުތަކުގައި ބޭނުންކުރުމަށްޓަކައި، އެ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.