ޙައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މިއަހަރުވެސް ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު ހައްޖުގެ އަޅުކަމުގައި 1300 އަށް ވުރެ ގިނަ މީހުން ނިޔާވެއްޖެއެވެ.

ސައޫދީ ކަމާބެހޭ ފަރާތްްތަކުން ހާމަކުރާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަމަށް އެ ޤައުމަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 1301 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން 83 އިންސައްތަ މީހުންނަކީ ރަސްމީ ހުއްދަނެތި މައްކާ އަށް ދިޔަ މީހުންކަން އެ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އަރާމެއްނެތި ދިގު ރާސްތާގައި ހިނގާފައި މައްކާއަށް އައި މީހުންކަމަށް ސައޫދީން ފާހަގަކޮށްފަވެއެވެ.

Ad
rt

ބައިނަލްއަގްވާމީ ނޫސް އޭޖެންސީ، ރޮއިޓާސް އިން ބުނިގޮތުގައި ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ ތެރެއިން ނިޔާވީ ގިނައިން މިސްރު މީހުންނެވެ. ސަލާމަތީ އަދި މެޑިކަލް މަސްދަރުތަކުން އާދީއްތަ ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަހަރު ހައްޖަށް ދިޔަ މިސްރު މީހުންގެ ތެރެއިން ނިޔާވި މީހުންގެ އަދަދު 672 އަށް އަރާފައިވާ ކަމަށާއި އިތުރު 25 މީހަކު ގެއްލިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑޮނޭޝިއާގެ 236 މީހަކު ނިޔާވެފައިވާއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އެޖެންސީން ބުނީ ހައްޖުގެ އަޅުކަމުގައި އިންޑިއާގެ 98 މީހަކު ނިޔާވެފައިވާ ކަމަށެވެ. އަދި ހައްޖާޖީން ނިޔާވި ގައުމުތަކުގެ ތެރޭގައި ޓިއުނީޝިއާ، އުރުދުން، އީރާން، ދިވެހިރާއްޖެ އަދި ސެނެގާލް ފަދަ ގައުމުތައް ހިމެނެއެވެ.

މިސްރުގެ ކްރައިސިސް ޔުނިޓަކުން ހޮނިހިރު ދުވަހު ބުނީ ފަތުރުވެރިކަމުގެ 16 ކުންފުންޏެއްގެ ލައިސަންސް ސަސްޕެންޑްކޮށް ޕަބްލިކް ޕްރޮސެކިއުޓަރަށް ފޮނުވާފައިވާ ކަމަށާއި އެއީ މައިގަނޑު ގޮތެއްގައި ރަސްމީ ނިޒާމުގެ ދަށުން ރަޖިސްޓްރީ ކޮށްފައި ނުވާ ހައްޖުވެރިންގެ ތެރޭގައި ހިމެނޭ މަރުތަކެއްގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހިރާއްޖެއިން 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، މިހާތަނަށް އެކަކު ވަނީ ނިޔާވެފައެވެ. އަދި އިތުރު މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. ޢާއްމުގޮތެއްގައި ދިވެހި ހައްޖާޖީންގެ ހާލުރަނގަޅުކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.