މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް އިންޑިއާއިން އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުން ޓިބެޓް އޮޓޮނޮމަސް ރީޖަން (ޓީއޭއާރް) ގެ ނަން ބަދަލުކުރަން އިންޑިއާއިން ވިސްނަމުން އަންނަކަމަށް އިންޑިއާގެ ނޫހަކުން ބުނެފިއެވެ.

އިންޑިއާ ޓްޑޭ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ދާދި ފަހުން ޗައިނާއިން ޓިބެޓްގެ ގްލޭޝިއާތަކުން ރާއްޖެއަށް ފެން ހަދިޔާކުރުމަށް ކުރި އިޝާރާތާ ގުޅިގެން ބެއިޖިންގެ ޖިއޮޕޮލިޓިކަލް މަގްސަދުތަކާއި އެކަމުގެ ސަބަބުން ހިމަލަޔާގެ ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އިންޑިއާއިން އަޅަން ގަސްތުކުރި ފިޔަވަޅެކެވެ.

Ad
rt

ޓިބެޓްގެ ފެނުގެ ވަސީލަތްތައް ޗައިނާއިން ނަހަމަ ގޮތުގައި ހިފުމަކީ ދެބަސްވާ މައްސަލައަކަށްވެފައިވާއިރު، ފުޅީގައި ހުރި ފެން ކުންފުނިތަކުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އާ ގުޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަގުގައި ފައިދާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެއެވެ. ޗައިނާއިން ޓިބެޓްގައި ފެން ހިމާޔަތްކުރުމުގެ ކެމްޕޭންތައް ޕްރޮމޯޓް ކުރަމުން އަންނައިރު، ކޯރުތަކުގެ ފެން ބަދަލުކުރުމުގެ މަޝްރޫއުތައް މެދުވެރިކޮށް އެ ސަރަހައްދުގެ ފެނުގެ ވަސީލަތްތަކުގެ ބޭނުން އެއްފަހަރާ ޗައިނާއިން ދަނީ ކުރަމުންނެވެ.

އެއާ ޚިލާފަށް އިންޑިއާއިން މީގެ ކުރިން ރާއްޖެއަށް ބޯފެން ހަދިޔާކުރުމުން ނާޒުކު ހިމަލަޔަން އިކޯސިސްޓަމަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އޮބްޒާވަރުން ދެކޭ ގޮތުގައި ޗައިނާއިން ޓިބެޓުން ރާއްޖެއަށް "ގްލޭޝިއަލް ވޯޓާ" ފޮނުވުމަކީ ހަމައެކަނި ތިމާވެށީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި، ބެއިޖިން އިން އިސްކަންދޭ ލަފުޒު ކަމަށްވާ "ޒިޒަންގް" ގެ ނަމުން ޓިބެޓްގެ ނަން ރަސްމީކޮށް ކަނޑައެޅުމުގެ ސިޔާސީ މަގްސަދެއް ވެސް ހާސިލްވާ ކަމަށެވެ.

އަރޫނާޗަލް ޕްރަދޭޝްއަކީ "ޒަންގްނާން" ނުވަތަ ދެކުނު ޓިބެޓް ކަމަށް ސިފަކޮށް، އެ ގައުމުގެ ސަރަހައްދެއް ކަމަށް ބުނުން ފަދަ ތަންތަނުގެ ނަން ބަދަލުކޮށް ވާހަކަތައް ކުރިއަށް ގެންދިއުމުގެ ތާރީހެއް ޗައިނާ އަށް އެބައޮތެވެ. އޭގެ ރައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ތާރީޚީ ގިނަ ދިރާސާތަކެއްގެ އެހީގައި، ޓީއޭއާރުގެ ގާތްގަނޑަކަށް 30 ތަނަކަށް ނަން ބަދަލުކުރުމަށް މިފަދަ ޓެކްޓިކްސްތަކެއް ރާވާފައެވެ. ނަމަވެސް އެ ޕްލޭން ކުރިއަށް ގެންދިއުމުގެ ކުރިން އަސްކަރިއްޔާއިން އިންތިޒާރު ކުރަމުން ދަނީ އަލަށް އުފެދުނު މޯދީ ސަރުކާރުގެ ރުހުން ހޯދުމަށެވެ.

ނަން ބަދަލުކުރުމުގެ ސްޓްރެޓެޖީ އަކީ ޗައިނާގެ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރަހައްދުގައި އިންޑިއާގެ ދަރަޖަ ސާބިތުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސްޓްރެޓެޖީއެއް ކަމަށް ބެލެވެއެވެ. ސައުތު ބްލޮކްގެ އޮފިޝަލުން ދެކޭ ގޮތުގައި މިފަދަ ކަންކަމުގައި ޗައިނާއަށް ވިސްނޭ ހަމައެކަނި ބަހަކީ މި "ޓިޓް ފޯ ޓަޓް" އެޕްރޯޗެވެ.

ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާއިރު، ފެނުގެ ވަޞީލަތްތަކާއި ސަރަޙައްދީ ދަޢުވާތަކުގެ މައްޗަށް ޖިއޯޕޮލިޓިކަލް ޙަރަކާތްތައް ހިންގުމަކީ، މި ސަރަޙައްދުގެ ކޮމްޕްލެކްސް ޑައިނަމިކްސް ދައްކުވައިދޭ ކަމެކެވެ. މި ހާލަތުގައި ވަނީ ގޮންޖެހުންތަކުން އަރައިގަނެ، އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ޑިޕްލޮމެޓިކް އަދި ސްޓްރެޓެޖިކް ފިޔަވަޅުތައް ރަނގަޅަށް ބެލެންސް ކުރުމަށް ގޮވާލާފައެވެ.