ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ބޮޑު ވަޒީރު ދިނޭޝް ގުނަވަރްދަނާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޒަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާގެ ބޮޑުވަޒީރާ އެކުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން ބަހަދިކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

Ad
rt

ލަންކާ އާއި ރާއްޖެއަކީ ގާތް ރަހުމަތްތެރި ދެ ގައުމުކަމަށާއި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ބަދަހިކަމާއެކުގައި ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވަނީ ލަންކާއިން ރާއްޖެއަށް އިޖްތިމާއީ ގޮތުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ޒަމީރު ލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ ލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ޝެރީނާ އަބްދުލް ސަމަދާއި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އައިޝަތު ފަރީނާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.