ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ކްރެޑިޓް ކާޑަށް އެދޭ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.
ބީއެމްއިލް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރުފްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މި ކްރެޑިޓް ކާޑަށް އެދޭފަރާތްތަކަށް ބީއެމްއެލްއިން ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، އެ ޕްރޮމޯޝަންގެ ދަށުން އެއް ވަނައަށް ހޮވޭ ފަރާތަކަށް 25،000ރ. ލިބެއެވެ.
އަންނަ ޖުލައި 28 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ އިސްލާމިކް އެމެކްސް ކްރެޑިޓް ކާޑަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައި އެޕްލިކޭޝަން މެދުވެރިކޮށް އެދެވޭނެ އެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށް، އެޕްރޫވްވާ ކަސްޓަމަރުންނަށެވެ.
އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކް އައު ކްރެޑިޓް ކާޑު ތައާރަފްކޮށްފައިވަނީ ބުކިން ޑޮޓްކޮމް އަދި ކެއިން ބުއިމުގެ ޚިދުމަތްތައް ލިބޭ ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެންނެވެ.
ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް ވެސް މި ކްރެޑިޓް ކާޑުން އިންސްޓޯލްމަންޓަށް ފައިސާ އިން ދެއްކޭނެ އެވެ.
ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ. އަދި މިއީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކޮށްފައިވާ ކްރެޑިޓް ކާޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!