ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމީރު އިންޑިއާ އަށް ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މިއީ މިދިޔަ ނޮވެމްބަރު 17 ގައި ރާއްޖޭގައި އާ ސަރުކާރެއް އެކުލަވާލި ފަހުން ރާއްޖޭގެ ވެރިއަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އާ ބައްދަލު ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރާނެއެވެ.
ޒަމީރާއި ޖައިޝަންކަރު މިއަހަރު ޖެނުއަރީ މަހު ޔުގެންޑާގައި ވެސް ބައްދަލު ކުރެއްވިއެވެ.
މީގެކުރިން ނަމަ، ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ފުރަމާނަ ދަތުރުފުޅެއް އެންމެ ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ބުނެ އިންޑިއާގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ރާއްޖެ އަށް އަމާޒުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!