އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ.
މަޖިލީސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވިއިރު، އީސީން ވަނީ ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން 602 ވޯޓު ފޮށީގެ ތެރެއިން މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ. އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ.
ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބަހަަައްޓާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އަދި ރާއްޖެއިން ބޭރުގައި ތިން ވޯޓު ފޮއްޓެއް ބަހައްޓައެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 284،887 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި އަހަރު 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ދާއިރާތަކަށް 469 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ 326 ފިރިހެން ކެންޑިޑޭޓުންނާއި 43 އަންހެން ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!