ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދިޔައީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތްތަކުގެ 70 ޕަސެންޓް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 28,836 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން، 31 މީޓަރުގެ ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 76.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.