ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ހުކުރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 728 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 5455 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ސްކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!