ކިޔެވުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ ރޭޓު 2.5 އިންސައްތައަށް ބޭންކް އޮފް މޯލްޑިވްސްއިން ދަށްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލު ގެނެސްފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައިކަމަށެވެ. އެގޮތުން، މިހާރު ނަގާފައިވާ ފެސިލިޓީގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީތަކަށްވެސް އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓުތައްކަމަށެވެ.

Ad
rt

ރޭޓުތައް ދައްކުރުމުގެ އިތުރުން ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 އިންސައްތައާހަމައަށް ފައިނޭންސް ލިބޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

ފައިނޭންސިން ރޭޓަށް މި ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު ކުޑަވާނެކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް 2.5 އިންސައްތައަށް ދަށްކުރެވިގެން ދިޔުމަކީ އެ ބޭންކަށް ލިބުނު އުފަލެއްކަމަށެވެ.

“ފައިނޭންސިން ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި." ކާލް ވިދާޅުވިއެވެ.

މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.