ޗައިނާގެ ދިރާސާކުރާ ބޯޓެއް ރާއްޖެއަށް އައި ނަމަވެސް އެ ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ ޗައިނާ ސަރުކާރުން އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާތީ ކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓަކީ ޗައިނާ ސަރުކާރުގެ "ޝިޔެންގް ޔެންގް ހޮންގް 3" ނަމަކަށް ކިޔާ އުޅަނދެކެވެ. ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން އެ އުޅަނދު މިހާރު ދަނީ ޖާވާ ކަނޑާ ދިމާލުގައެވެ. އެ އުޅަނދަށް ރާއްޖެ ފޯރޭވަރު ވާނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި ދުނިޔޭގައި އަމަލު ކުރާ ބެސްޓު ޕްރެކްޓިސްއާއި މެރިޓައިމް ގާނޫނުގައި އެކަމާ ގުޅުންހުރި މާއްދާތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ޗައިނާގެ ޝަންގް ޔަންގް ހޮންގަކީ ސީދާ އަސްކަރީ އުޅަނދަކަށް ނުވި ނަމަވެސް، ރޮއިޓާސްއިން ބުނާ ގޮތުގައި އެ އުޅަނދުގެ ދިރާސާތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުތައް މި އަސްކަރީ އުޅަނދުން ދިރާސާކޮށްފާނެތީ އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!