ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ އިން އާއިލާ ކައިރިއަށް ދެވޭނެ މަގު ފަހިކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައީދު މިކަން ހާމަކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުން އިތުރު ކުރުމަށް "ފަހި ފަތުރުވެރިކަމަށް އަންހެނުން" ނަމުގައި ހާއްސަ ޕްރޮގްރާމެއް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ސެންޓްރަލް އޭރިއާތަކެއް، ޑީސެންޓްރަލައިޒް ކުރުން ނުވަތަ ޕޮޕިއުލަރިޓީ ސެންޓަރުތަކެއް ގާއިމްކުރުން އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައެވެ. އަދި އެ މަސައްކަތް ތަންފީޒު ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ޕްލޭނިން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.ސައީދު ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ހާއްސަކޮށް ވަކި ސަރަހައްދުތަކުގައި ޓްރާންސްޕޯޓް ނެޓްވޯކަކާ އެކީގައި އެކޮމޮޑޭޝަން ސެންޓަރުތަކެއް ހެދުމަކީ އަމާޒެވެ.
"މި ގާއިމް ކުރާ ޕޮޕިއުލޭޝަން ސެންޓަރުތަކުގެ ތެރެއިން އެ ހިސާބުގަނޑަށް ނިސްބަތްވާ ރިސޯޓުތަކާ އެއްކޮށް އެންމެ ކަނެކްޓިވިޓީ ރަނގަޅީ ކިހިނެތްތޯ ބެލުން. އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްްސަ އެކޮމޮޑޭޝަން ތަކެއް ގާއިމް ކުރުން،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިއަދު ފަތުރުވެރިކަމުގެ ސިނާއަތު ރާއްޖޭގެ އިގްތިސާދުގެ %40 ހިއްސާކުރާ ކަމަށެވެ.ރާއްޖެއަށް ވަންނަ ކޮންމެ 100 ޑޮލަރުގެތެރެއިން 80 ޑޮލަރު މިވަންނަނީ ގާތްގަނޑަކަށް ފަތުރުވެރިކަމުން ކަމުގައި ސައީދު ވިދާޅުވިއެވެ.
ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ މެޑިކަލް ޓޫރިޒަމް، ސްޕޯޓްސް ޓޫރިޒަމް، އެޑިއުކޭޝަން ޓޫރިޒަމް ތައާރަފް ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ދުނިޔޭގެ ފެންވަރުގެ ހޮޓެލް ސްކޫލެއް ބިނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އެބައޮތް ކަމަށާއި އެކަން ހާސިލް ކުރައްވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!