އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި ވިގަން އެތުލެޓިކް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ ވިގަންގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ގޯލު އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްއިރު، ކުޑަ އޭރިއާތެރެއިން ހުއިލަންޑް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށެވެ. މީގެ އިތުރުން ގަނާޗޯ ފޮނުވާލި ހަމަލާ ވެސް އަމާޒުވީ ވިގަން ގޯލުގެ ހުރަސް ދަނޑިއަށެވެ.

Ad
rt

މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރ ޑިއެގޯ ޑަލޯއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. މި ޕެނަލްޓީ ލިބިފައިވަނީ ވިގަންގެ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ހަތަރު ވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރަން ޖެހޭނީ އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ 18 ވަނައިގައި އޮތް ނިއުޕޯޓް ކައުންޓީ ނޫނީ އިނގިރޭސި އެންމެ ދަށް ޑިވިޝަނުގެ ޓީމު، އީސްޓްލައިއާއެވެ.

ހަތަރުވަނަ ބުރުގައި ފޯރިގަދަ މެޗުތަކެއް ފެނިގެންދާނެއެވެ. މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހެނީ ޓޮޓެންހަމާއެވެ. ޗެލްސީ ނުކުންނާނީ އެސްޓަންވިލާއާއި ދެކޮޅަށެވެ.