މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިސްކޮށް ހުންނަވައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ މިނިސްޓްރީ އާއި ކަމާގުޅުން ހުރި ސްޓޭކްހޯލްޑަރުން ހިމެނޭހެން މިދިޔަ ހޯމަ ދުވަހު ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން މާލޭގެ ޓްރެފިކް ތޮއްޖެހުމަށް އެންމެ އެކަށިގެންވާ ދާއިމީ ހައްލު ހޯދުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ކަމާގުޅުންހުރި ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ދިރާސާއެއް ކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި ވެހިކަލް ގިނަވުމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. ވެހިކަލް ގިނަވުމުގެ ސަބަބުން މަގުތަކުގެ ކާރޫބާރު ބޮޑުވެ، ވެހިކަލް ދުއްވުމުގައި ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މީގެކުރިން އައި އެއްވެސް ސަރުކާރަކަށް ވެސް އެކަން ހައްލުކޮށް ދެވިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!