މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަވަށްޓެރި އިންޑިއާ އިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެއްވަނަ މާކެޓުގެ ގޮތުގައި ރަޝިއާ ވައްޓާލައި، އެއްވަނަ މަގާމު ހޯދައިފައެވެ. މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އިންޑިއާ އިން ރާއްޖެ އަށް 205،278 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިއާ އިންނެވެ. ރަޝިއާ އިން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 203،539 އަށް އަރައިފައެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ރާއްޖެ އައީ ޗައިނާގެ ފަތުރުވެރިންނެވެ. ޗައިނާ އިން އެ މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 185،761 ފަތުރުވެރިންނެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިނާއި ސްވިޒަލެންޑު ހިމެނެއެވެ.
ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ ފަސް ގައުމު:
- އިންޑިއާ - 205،278
- ރަޝިއާ - 203،539
- ޗައިނާ - 185،761
- އިނގިރޭސިވިލާތް - 152،284
- ޖަރުމަނުވިލާތް - 132،188
މިއަހަރު މިހާތަނަށް މުޅި ޖުމްލަ 1،834،759 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. ކުރީގެ ސަރުކާރުން އަމާޒު ހިފާފައި އޮތީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1،147 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 180 ރިސޯޓާއި 807 ގެސްޓްހައުސްގެ އިތުރުން 146 ސަފާރީ އާއި 14 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 62،448 އެނދު އޮޕަރޭޓްކުރެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ދަށްވުމާ އެކު، ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އާއި ރަޝިއާއިންނެވެ. އެކަމަކު، މިއަހަރު ޗައިނާ އަލުން ހުޅުވާލުމާ އެކު، އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!