އިސްރާއީލުން ވައިގެ މަގުން ސީރިއާ އަށް ދިން ހަމަލާއެއްގައި އީރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު ސައްޔިދު ރަޒީ މޫސާވީ ރޭ ޝަހީދުކޮށްލައިފިއެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ނިރުބަވެރިން ސީރިއާގެ ދިމިޝްގުގެ ސައްޔިދާ ޒައިނަބު ނަމަކަށްކިޔާ ސަރަހައްދަކަށް ދިން ހަމަލާގައި އަވަހާރަކޮށްލި މޫސާވީއަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްގެ އިސް މުޝީރެކެވެ. އަދި ސީރިޔާގައި އޮންނަ "ރެސިސްޓެންސް ސަޕޯޓް ޔުނިޓް" ގެ ވެރިޔާއެވެ.

Ad
rt

މޫސާވީ އަވަހާރަކޮށްލުމާ ގުޅިގެން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ހަމަލާގައި މޫސާވީ އަވަހާރަވި ކަން ކަށަވަރުކޮށްދީ، ޒަޔަނިސްޓު އިސްރާއީލަށް އެކަމުގެ "އަގު" އަދާކުރަންޖެހޭނޭ ކަމަށް ބުނެފައެވެ. އިސްރާއީލުން މޫސާވީ އަވަހާރަކޮށްލީ، އޭނާ ހުންނެވި އިމާރާތަކަށް ދިން މިސައިލް ހަމަލާއެއްގައެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ވެސް ވިދާޅުވީ މޫސާވީ އަވަހާރަކޮށްލުމުގެ އަގު އިސްރާއީލުން އަދާކުރަން ޖެހޭނެ ކަމީ ކަށަވަރު ކަމެއް ކަމަށެވެ.

"ޝައްކެއްވެސް ނެތްގޮތުގައި މިއީ، ސަރަހައްދުގައި އޮތް ޒަޔަނިސްޓު ދައުލަތް މާޔޫސްވެ، ނާގާބިލްވުމުން ހިންގި އަމަލެއް" އީރާންގެ ރައީސް ވިދާޅުވިއެވެ.

މޫސާވީ އަވަހާރަކޮށްލުމާ ގުޅިގެން އީރާންގެ ފަރާތުން ރައްދު ހަމަލާ އަންނާނެ ކަމަށް ބަލައި، އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާރު ވަނީ އެކަމަށް ތައްޔާރުވާން ފަށައިފައެވެ. އިސްރާއީލުން ލަފާ ކުރާ ގޮތުގައި ރައްދު ހަމަލާ އަންނާނެ ކަމަށް ބެލެވެނީ ސީރިއާ އާއި ލުބުނާނުންނެވެ.

މޫސާވީ އަވަހާރަކޮށްލަން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. މޫސާވީއަކީ އެމެރިކާ އިން 2020 ވަނަ އަހަރު އިރާގުގެ ވެރިރަށް ބަޣްދާދަށް ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލި އިރާންގެ ރިވޮލިއުޝަނަރީ ގާޑްގެ ޖެނެރަލް ގަސަމް ސުލައިމާނީއާ އެކީގައި ވަރަށް ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.

މިކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާތަނަށް އައިއިރު ވަކި އެއްޗެއް ހާމައެއްކޮށްފައެއް ނުވެއެވެ.