އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ވީކެންޑް މާދަމާ ފަށާނެއެވެ.
އުރީދޫއިން ބުނީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5ކޭ ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ މާދަމާގެ ފަން ރަން ވީކެންޑުގެ ތެރޭގައި އޮންނާނެ ކަމަށެވެ.
ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން 11:00 އަށެވެ. މިއޫ ޑްރޯން ރޭސްގެ ފައިނަލް ކަމަށްވާއިރު މި ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް)ގެ ޕައިލެޓުން ބައިވެރިވާނެއެވެ.
ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ވަނީ ހަމަޖެހިފައެވެ.
މާދަމާ ހަވީރު 3:30 އިން 6:00 އަށް އުރީދޫ ފަން ރަން ކުރިއަށްދާނެއެވެ. އެއީ މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އެ ދުވުމުގައި އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިން ބައިވެރިވެވޭނެއެވެ.
މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސްތަކާއެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެއެވެ. މިއީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލާފަ، ޖޮގް ކޮށްލާފަ، ނުވަތަ ނަށާލާފަ ވެސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިހުތިޔާރުކޮށް ދުވުން ނިންމާލެވޭނެއެވެ.
ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝާ މެޑަލް އަކާއި މިއުޒިކް ޝޯއަކާއެކު 5ކޭ ދުވުން ނިންމާލުމުގެ އުފާ ފާޅުކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ފަންރަން އަށްފަހު ދެން އޮންނާނީ އުރީދޫ މިއުޒިކް ފެސްޓިވަލްއެވެ. އެ ފެސްޓިވަލް އޮންނާނީ މާދަމާ ރޭގެ 8:00 އިން 12:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ޝޯ ގައި މަގުބޫލު އާޓިސްޓުން ފެނިގެންދާނެ ކަމަށާއި އޭގެތެރޭގައި ހަބޭސް ބޮޑުބެރު، ޑިޓިއުން، މީރާ، ޝަމްބެ އަދި އިންމަ، ޑިޖޭ ދީދު، ޒަކިއްޓެ އަދި ޓްރަފިކް ޖޭމްގެ ހުށަހެޅުންތައް ހިމެނޭ ކަމަށް އުރީދޫ އިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!