ބަންގްލަދޭޝްގެ މަސައްކަތްތެރިންނެކޭ އެއްގޮތަށް އިންޑިއާ އާއި ނޭޕާލުން މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ ވަނީ ބަންގްލަދޭޝްގެ ލޭބަރުން ގެނައުމުގެ ހުއްދަ ދީފައެވެ. އަދި އެ ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކުގެ އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސާލަން މިނިސްޓްރީން ނިންމިއެވެ.

Ad
rt

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިތުރު ކަންކަން ބެލުމަށް ފަހުގައި މިހާރު އިންޑިއާ އާއި ނޭޕާލްއިން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ދެ ގައުމުން މަސައްކަތްތެރިން ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، މި ވަގުތަށް ނޭޕާލާއި އިންޑިއާގެ ލޭބަރުންނަށް ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކަށް ވެސް ކުރިމަގުގައި އެ ހުއްދަ ދޭނެ ކަމަށެވެ.

"އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެން ހަދަން ޖެހޭ އެސެސްމެންޓުތައް ހަދާފައި ނޯމަލް އޮޕަރޭޝަނަށް އާންމުކޮށް މި އޮންނަ ގޮތަށް ބަދަލުކޮށްލާނަން،" އިހުސާން ވިދާޅުވިއެވެ.

ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން މިވަގުތު ލޭބަރުން ގެނައުމުގެ ހުއްދަ އޮތީ ހަމައެކަނި ބަންގްލަދޭޝް އާއި އިންޑިއާ އާއި ނޭޕާލުންނެވެ.

ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ މި ސަރުކާރުން ހުޅުވާލުމާ އެކުގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން އެއީ ގާނޫނާއި ހިލާފަށްކުރި ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. ނިމިދިޔަ ސަރުކާރުން އޮތީ ބަންގްލަދޭޝުން މަސައްކަތެރިން ގެނައުން ހުއްޓާލައިފައެވެ.